ނޮވެންބަރު 14ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ޢާންމު އިންތިޚާބުގައި ރައީސް އަނުރަ ކުމާރަ ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ޕާޓީގެ އިއްތިޙާދުން ކުރިހޯދާފައިވާކަމަށް އެ ޤައުމުގެ މީޑިޔާތަކުން ރިޕޯޓު ކޮށްފިއެވެ. ސްރީ ލަންކާގައި ޢާންމު އިންތިޚާބު ބާއްވާފައި މި ވަނީ، ސެޕްޓެންބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ދިސާނަޔަކަ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވައިލެއްވުމާ ގުޅިގެންނެވެ. ޤާނޫނު ހަދާ މަޖިލިސް އުވައިލާފައި ވަނީ ސެޕްޓެންބަރު 25ވަނަ ދުވަހުއެވެ.
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު 17 މިލިޔަނަށް އަރާ ޢާންމު އިންތިޚާބުގައި 225 ގޮނޑީގެ ޤާނޫނު ހަދާ މަޖިލީހަށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ދައުރަކަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ. މި އިންތިޚާބުގައި 690 ސިޔާސީ ޕާޓީއަކާއި މިނިވަން ޖަމުޢިއްޔާތަކުން ވާދަކޮށްފައިވާއިރު، 22 އިލެކްޓޯރަލް ޑިސްޓްރިކްޓެއްގައި ވޯޓުލުން ކުރިއަށް ދިޔައެވެ. އިންތިޚާބުގައި ވާދަ ކޮށްފައިވާ ކެނޑިޑޭޓުންގެ އަދަދު 8,821އަށް އަރައެވެ.
ސެޕްޓެންބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވައަތު ފިޔައިގެ މާކްސިސްޓް ސިޔާސަތުތަކަށް ތާޢީދު ކުރައްވާ 55 އަހަރުގެ ދިސާނަޔަކަ ކާމިޔާބީ ހޯއްދަވާފައިވީ ނަމަވެސް، އެއިރު އޮތް ޤާނޫނު ހަދާ މަޖިލީހުގައި އޭނާގެ އެންޕީޕީ ތަމްސީލު ކުރައްވަމުން ގެންދަވާފައި ވަނީ އެންމެ ތިން މެންބަރުންނެވެ. ރައީސް ކަމުގެ މަޤާމުގެ ހުވަ ކުރެއްވުމަށް ފަހު، ޤާނޫނު ހަދާ މަޖިލިސް އުވައިލައްވަން ދިސާނަޔަކަ ނިންމަވާފައި ވަނީ، އޭނާގެ އައު ސިޔާސަތުތައް ކުރިއެރުވުމަށް ފުރުޞަތު ހޯއްދެވުމުގެ މަޤުޞަދުގައެވެ. މަަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އޭނާގެ އިއްތިޙާދުން ޢާންމު އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ.
މިހާތަނަށް އިޢުލާނު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، އެންޕީޕީ އިއްތިޙާދުން ވަނީ ވޯޓުލާފައިވާ މީހުންގެ %62 މީހުންގެ ތާޢީދު ހޯދާފައެވެ. އެއީ، ގާތްގަނޑަކަށް 4.4 މިލިޔަން މީހުންގެ ވޯޓެވެ. އަދި، އިންތިޚާބީ ޑިސްޓްރިކްޓުތަކުގެ 196 ގޮނޑީގެ ތެރެއިން 35 ގޮނޑި ކަށަވަރު ކޮށްފައެވެ. މިހާތަނަށް ހުރިހާ ނަތީޖާއެއް އިޢުލާނު ކޮށްފައިވާ ހަމައެކަނި ދާއިރާ ކަމުގައިވާ ގޯލުން އެންޕީޕީގެ އިއްތިޙާދު ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބު ކޮށްފައިވާ ކަމުގައި މީޑިޔާ ރިޕޯޓުތައް ބުނެއެވެ. މި ގޮތުން، ގޯލްގައި ވޯޓުލާފައިވާ މީހުންގެ ތެރެއިން %70 މީހުންގެ ތާޢީދު އެންޕީޕީގެ އިއްތިޙާދުން ކަށަވަރު ކޮށްފައިވާ ކަން މީޑިޔާތަކުން ހާމަކުރިއެވެ.
ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ކުޑަ އަޣުލަބިއްޔަތު ހޯދުމަށް އެންޕީޕީގެ އިއްތިޙާދުން 113 ދާއިރާއިން ކާމިޔާބީ ހޯދަން ޖެހޭނެއެވެ. މަޖިލީހުގެ 196 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާނީ ރައްޔިތުންގެ ވޯޓުންނެވެ. އަދި، ބާކީ 29 މެންބަރުން އިންތިޚާބު ކުރާނީ، އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ކާމިޔާބީގެ އިންސައްތައަށް ބަލައިގެންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މަޖިލީހުގެ 150އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، އެންޕީޕީން މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދާނެ ކަމަށް ބެލެވޭ ކަމުގައެވެ.
ސްރީ ލަންކާގައި ޢާންމު އިންތިޚާބު ބާއްވާފައި މި ވަނީ، އެ ޤައުމަށް މާލީ އަދި އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. 2022ވަނަ އަހަރު ކުރިމަތިވި ކާރިސާއާ އެކު ބޭރު ފައިސާގެ ރިޒަރވް ހުސްވެ، ޒަރޫރީ މުދާ އެތެރެ ކުރުން ހުއްޓުނެވެ. އަދި، އިޤުތިޞާދު %7.3 އިންސައްތައިން ދަށަށް ދިޔައެވެ. ހުސްވި 2023ވަނަ އަހަރު ވެސް އެ ޤައުމުގެ އިޤުތިޞާދު ވަނީ %2.3 އިންސައްތައިން ދަށަށް ގޮސްފައެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ލޯނަކާ އެކު، ސްރީ ލަންކާގެ އިޤުތިޞާދީ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، ތަކެތީގެ އަގުތަކާއި އިންފްލޭޝަން، އަދި ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައި އޮތުމަކީ ސްރީ ލަންކާގެ ރައްޔިތުންގެ މެދުގައި މި ވަގުތު ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެ ކަމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިފައި ވަނީ ފަގީރު ޢާއިލާތަކެވެ.
ދިސާނަޔަކަގެ ޕާޓީން ވަނީ ފަގީރު ކަން ނައްތައިލުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވަޢުދުވެފައެވެ. އޭގެ ތެރޭގައި، ފަގީރު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެލްފެއަރ ޕުރޮގުރާމުތައް ހިންގުމުގެ އިތުރުން ކޮރަޕްޝަނާއި ފަސާދަ ނައްތައިލުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުން ހިމެނެއެވެ. މީގެ އިތުރުން، އައިއެމްއެފްގެ ޕުރޮގުރާމު މުރާޖާކޮށް، ފަގީރުންނަށް ނޭދެވޭ އަސަރު ކުރާ މިންވަރު ކުޑަކުރަން ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. ދިސާނަޔަކައަކީ، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައިވާ ގިނަ ކެނޑިޑޭޓުންނާ އަޅައިބަލާއިރު، އެއްވެސް ސިޔާސީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން ދިސާނަޔަކަގެ ސަރުކާރަށް ހާސިލު ކުރަން ޖެހޭނެ ބައެއް ލަނޑުދަނޑިތަކުގެ ތެރޭގައި 2025ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން %2.3 އިންސައްތައަށް ކުރިއެރުވޭނެ ބަޖެޓެއް ހުށަހެޅުމާއި، ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ސިޔާސަތުތަކެއް ތަޢާރުފު ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތަކެއް ތަންފީޒު ކުރުން ހިމެނެއެވެ. ނަމަވެސް، އައިއެމްއެފްގެ ޕުރޮގުރާމު މުރާޖާ ކުރުމަށް ދިސާނަޔަކަ ހުށަހެޅުއްވުމުން، އައިއެމްއެފުން ފައިސާ ދޫކުރުމުގެ ތާވަލަށް ލަސްތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.