ޚަބަރު

ޣައްޒާގެ މުސްލިމުންގެ ގެދޮރު ނެތިކޮށްލުމަކީ އިންސާނިއްޔަތުކަމާ ޚިލާފު ޖަރީމާއެއް: އެޗްއާރްޑަބްލިޔު


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަަހަރުގެ ރައްޔިތުން ގެދޮރު ނެތިކޮށްލުމަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައި ހިޔުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)ން ބުނެފިއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމުގައިވާ އެޗްއާރްޑަބްލިޔުން މި ކަން ހާމަކޮށްފައި ވަނީ، ޣައްޒާގެ މުސްލިމުންނަށް ޔަހޫދީން ޖައްސަމުންދާ ނިކަމެތި ހާލަތާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ރިޕޯޓެއްގައެވެ.

ޣައްޒާގެ މުސްލިމުންގެ ހާލަތާ މެދު އެޗްއާރްޑަބްލިޔުން ރިޕޯޓެއް ޝާއިޢު ކޮށްފައި މި ވަނީ، އެ ސަހަރުގެ ރައްޔިތުން ނިކަމެތިކޮށް، ހައިހޫނުގައި ޖައްސައި، އިންސާނީ މުސީބާތެއްގައި ޖައްސާފައިވާ ކަން ހާމަކޮށް އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ރިޕޯޓުތަކެއް ޝާއިޢު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން މީގެ 13 މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 43,000އަށް އުފުލިފައެވެ. އަދި، ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިފައެވެ.

"ހިޔުމަން ރައިޓްސް ވޮޗަށް ފާހަގަވީ ކަމަކީ އަމިއްލަ ވަޒަން ދޫކުރަން މަޖުބޫރުވެފައިވާ އަދި ގެދޮރު ނެތިފައިވާ މީހުންގެ އަދަދު އިންތިހާއަށް އުފުލިފައިވާ ކަން، އަދި ލިބިފައިވާ ހެކިތަކުން ހާމަވަނީ އެ ކަން އެ ގޮތަށް ކުރުމަކީ [އިސްރާއީލުގެ] ރޭވުމާއި ސިޔާސަތު ކަން. އެ ފަދަ އަމަލުތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް،" އެޗްއާރްޑަބްލިޔުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ގަސްދުގައި ބަޔެއްގެ ގެދޮރު ނެތިކޮށްލުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ޖަރީމާއެކެވެ. ނަމަވެސް، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އެ ފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އދން ވެސް ވަނީ ފަސްޖެހިފައެވެ. ޔަހޫދީންނާ ދެކޮޅަށް އަޅަން މަސައްކަތް ކުރާ ހުރިހާ ފިޔަވަޅަކަށް ހުރަސް އަޅަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންނެވެ. މުސްލިމުން ޝަހީދު ކުރަން ޔަހޫދީން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުން ދަނީ ވެސް އެމެރިކާއިންނެވެ.

ޔަހޫދީ ފައުޖުން މި ވަގުތު އެންމެ ނުރައްކާތެރި ޢުދުވާނެއް ހިންގަމުން ދަނީ ޣައްޒާގެ އުތުރުގެ ރަށްތަކުގައެވެ. އޭގެ ތެރެއިން ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި، ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫންގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް ބަޔެއްގެ ގެދޮރު ވަނީ ގެއްލުވައިލާފައެވެ. އަދި، އެ ރަށްތައް ވަށައިލައި، އެތަކެއް ހާސް ބަޔަކު އެ ސަރަޙައްދުތަކުގައި ބަންދުކޮށް، އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ލިބޭނެ މަގުތައް ވަނީ ބަންދު ކޮށްފައެވެ.

އެޗްއާރްޑަބްލިޔުން ބުނީ، ޣައްޒާގެ އުތުރުގެ ރަށްތައް ހުސްކޮށް، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ގެދޮރު ނެތިކޮށްލުމަކީ ޔަހޫދީން ގަސްދުގައި ރާވައިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކެއް ކަމުގައެވެ. އަދި، އެއީ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ޤަތުލުޢާންމެއް ކަމުގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,736އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 103,370 މީހުން ޒަޚަމު ކޮށްލާފައެވެ.