ޚަބަރު

ކެފޭ ޑި މާލެއަށް ގެއްލުންދިން މައްސަލާގައި 3 މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވަނީ


  • ކެފޭއަށް ވަދެ ގެއްލުންދިނީ އޮކްޓޯބަރު 27ގައި

  • ގެއްލުންދީފައިވަނީ ދެ މީހަކު ވެގެން

ކެފޭ ޑި މާލެއަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތުކުރެވޭ 3 މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭވަރަށް ހެކިލިބިފައިވާތީ އެ މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވަން ތައްޔާރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭ ޑި މާލެއަށް ހަމަލާދީފައިވަނީ އޮކްޓޯބަރުމަހުގެ 27ވަނަ ދުވަހުއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައާއި ގުޅޭގޮތުން ތަފްސީލް ޙިއްސާކުރަމުން ފުލުހުން ވިދާޅުވީ ކެފޭ ޑި މާލެއަށް ހަމަލާދިން މީހުން ތިބީ ހެލްމެޓް އަޅާ، ސަރޖިކަލް މާސްކް އަޅައިގެން އަދި އެމީހުން ލައިގެން ތިބި އަންނައުނުގެ މަތިން އިތުރު އަންނައުނު ލައިގެންކަމަށެވެ. އަދި އެމީހުން ކެފޭއަށް ވަދެ ގެއްލުން ދީފައިވަނީ މަރުތޭލަކުންކަމަށް ފުލުހުން ވިދާޅުވިއެވެ. ގެއްލުން ދިން ވަގުތަކީ އެ ކެފޭގައި ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދިޔަ ވަގުތެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ކެފޭއަށް ވަދެ ގެއްލުންދީފައިވަނީ ދެ މީހުންކަމަށެވެ. އެގޮތުން އެމީހުން ވަނީ ކެފޭގައި ފައިސާގޭ ކަންކަން ބަލަހައްޓާ ކައުންޓަރާ ޕީއޯއެސް މެޝިން އަދި ކެފޭގައި ބޭނުންކުރާ ގިނަ ސާމާނަށް ބޭނުން ނުކުރެވޭވަރަށް ބޮޑެތި ގެއްލުންދީފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ގެއްލުން ދިނުމަށްފަހު އެތަނުން ނިކުމެގެންގޮސް، ހެލްމެޓާއި އެމީހުން ލައިގެން ތިބި އަންނައުނު މާލޭގެ ފަޅު ގެއަކަށް އެމީހުން ވަނީ އުކާލާފައެވެ. ފުލުހުން ވަނީ އެ ތަކެތިވެސް ހޯދާފައެވެ.

ފުލުހުން ވިދާޅުވީ މި ޢަމަލު ހިންގުމަށް އެހީވުމަށް، ޙަލަމާ ދިނުމުގެ 10 މިނެޓު ކުރިން ކެފޭތެރެ ވީޑިއޯ ކުރުމުގައި މީހަކު ހަރަކާތްތެރިވިކަމަށެވެ. އެމީހާވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ މި 3 މީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއި 18 އަހަރުގެ މީހެއް އަދި 21 އަހަރުގެ މީހެކެވެ. ފުލުހުން ވިދާޅުވީ އެ ކެފޭއަށް ގެއްލުންދިނީ ގޭންގަކުން ބަދަލުހިފުމުގެ ރޫހުގައިކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހިމެނޭ 3 މީހުންނަށްވެސް ދަޢުވާ ކުރެވޭރަށް ހެކި ލިބިފައިވާކަމަށާއި ވަރަށް އަވަހަށް އެ މައްސަލަ ޕީޖީއަށް ފޮނުވާނެކަމަށެވެ.

މީގެއިތުރުން އަމީނީ މަގުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖަހާ ޙާމަލާ ދިން މައްސަލަވެސް ފުލުހުން ވަނީ ތަޙުޤީގުކޮށްފައެވެ. އެ ޙަމަލާގައި ޒަޙާމެވެފައިވާ 30 އަހަރުގެ މީހާގެ ބޮލުން 4 ސެންޓިމީޓަރުގެ ތަނެއް ފަޅައިގެންގޮސް ޒަޙަމްވެފައިވެއެވެ.

ހަމަލާދިނުމަށްޓަކާ މި ގްރޫޕުން އައިސްފައިވަނީ ހުޅުމާލެއިން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ހަމަލާ ދިނުމަށްފަހު ފިލަން ދިޔައީވެސް ހުޅުމާލެއަށްކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކުރީ އދ.ދިއްދުއިންނެވެ. މިއީވެސް ގޭންގްތަކުގެ މެދުގައި ސިލްސިލާކޮށް ހިންގަމުންދާ ހަމަނުޖެހުމުގެ މައްސަލައެއްކަމަށް ފުލުހުން ވިދާޅުވެއެވެ.