ކުޅިވަރު

ޖަރުމަނާ ޕޮލެންޑްގެ ކުރިމަތިލުން އެއްވަރުވެއްޖެ


ޕޮލެންޑްއާ ޖަރުމަން ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ރޭ ޕޮލެންޑާ ޖަރުމަންވިލާތް ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ. އެހެންކަމުން މި ގްރޫޕްގެ 4 ވަނާގައި މިވަގުތު އެއްވެސް ޕޮއިންޓެއް ނުލިބި އޮތް ޔޫކްރެއިން ވަނީ މުބާރާތުން ކަޓާފައެވެ. 

މި ގްރޫޕްގެ 1 ވަނާގައި އޮތް ޖަރުމަނާ 2 ވަނާގައި އޮތް ޕޮލެންޑަށް 4 ޕޮއިންޓް ލިބިފައިވާއިރު 3 ވަނާގައި އޮތް ނޮދާން އަޔަރލެންޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. މި ގްރޫޕްގެ 1 ވަނަ އަދި 2 ވަނަ ކަށަވަރުވެގެން ދާނީ ގްރޫޕްގެ ފަހު މެޗްގައި މިމަހުގެ 21 ވަނަ ދުވަހު ނޮދާން އަޔަރލެންޑާ ޖަރުމަން ބައްދަލުކުރާ މެޗާ ޔޫކްރެއިންއާ ޕޮލެންޑް ބައްދަލުކުރާ މެޗަށްފަހުއެވެ. 

މި މުބާރާތުގައި މިއަދު އިރުއޮއްސި 6 ޖަހާއިރު ފަށާ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އީގެ އިޓަލީއާ ސްވިޑުންއެވެ. 

މިރޭ 9 ޖަހާއިރު ފަށާ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ޑީގެ ޗެކްރިޕަބްލިކާ ކޮރޭޝިޔާއެވެ. އަދި މިރޭ ދަންވަރު 12 ޖަހާއިރު ފަށާ މެޗްގައި ބައްދަލުކުރާނީ މި ގްރޫޕްގެ ސްޕެއިންއާ ތުރުކީއެވެ.