ބާރުގަދަ ތޫފާން ތޮރާޖީގެ ނުރައްކާތެރިކަން އޮތުމާ އެކު ހޮންގ ކޮންގގެ މަދަރުސާތަކާއި ވިޔަފާރިތައް ބަންދުކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިފިއެވެ. ތޫފާން ތޮރާޖީ މި ވަގުތު އޮތީ ހޮންގ ކޮންގގެ ދެކުނު ފަރާތުން 150 ކިލޯމީޓަރު ދުރުގައެވެ. އަދި، ތޫފާނާ ގުޅިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހޮންގ ކޮންގގައި ވަނީ އިންޒާރު އިޢުލާނު ކޮށްފައެވެ.
ހޮންގ ކޮންގގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، އެ ސަރަޙައްދާ ކައިރިން ތޫފާން ދަތުރު ކުރަމުން ދިޔަ ނަމަވެސް، ތޫފާނުގެ ބާރު ދަށްވަމުންދާ ކަމުގައެވެ. ނަމަވެސް، ތޫފާނާ ގުޅިގެން އާދަޔާ ޚިލާފަށް ވައިބާރުވާނެ ކަމުގެ އިންޒާރު ވަނީ ކޮށްފައެވެ. ތޫފާނާ ގުޅިގެން ހޮންގ ކޮންގގެ މަގުތައް ހުސްވެފައި އޮތްއިރު، އާދަޔާ ޚިލާފަށް ވައިބާރުވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައި ނެތް ކަމުގައި ހޮންގ ކޮންގގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރިއެވެ.
ހޮންގ ކޮންގގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ ގުޅިގެން ވައިގެ އުދުހުންތައް މެދުކަނޑައިލާފައި ނުވާ ކަމުގައެވެ. ނަމަވެސް، ވައި ބާރުވާނެ ކަމުގެ އިންޒާރާ އެކު، ޢާންމު ދަތުރުފަތުރު މަދުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އުތުރު ޕެސިފިކް ކަނޑުގެ ހުޅަނގުގެ ސަރަޙައްދުގެ އިތުރުން ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދުގައި މި ވަގުތު ބާރުގަދަ ހަތަރު ތޫފާނެއް އުފެދިފައިވާ ކަން މޫސުމާ ބެހޭ އިދާރާތަކުން ފާހަގަ ކުރެއެވެ.
މޫސުމީ މާހިރުން ބުނީ، އެ ސަރަޙައްދުގައި އެއް ވަގުތެއްގައި ބާރުގަދަ ހަތަރު ތޫފާން އުފެދުމަކީ އާދަޔާ ޚިލާފު އަދި ނުރައްކާތެރި ކަމެއް ކަމުގައެވެ. މިއީ، 1951ވަނަ އަހަރަށް ފަހު ނޮވެންބަރު މަހެއްގައި އެ ސަރަޙައްދުގައި އެއް ވަގުތެއްގައި ހަތަރު ތޫފާން އުފެދުނު ފުރަތަމަ ފަހަރެވެ. އަދި، އަހަރެއްގެ އެހެން މަހެއްގައި އެ ސަރަޙައްދުގައި އެއް ފަހަރާ ހަތަރު ތޫފާން އުފެދިފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ.
ތޫފާން ތޮރާޖީ ހޮންގ ކޮންގގެ ސަރަޙައްދުތަކާ ދިމާލަށް ދަތުރު ކުރަމުން މި ދަނީ، ބާރުގަދަ އެހެން ތޫފާނެއް ކަމުގައިވާ ޔިންޝިންގ ފިލިޕީންސްގެ ސަރަޙައްދުތަކަށް އަރާފައިވާ ދަނޑިވަޅެއްގައެވެ. އެ ތޫފާނާ ގުޅިގެން ފިލިޕީންސްގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވިއެވެ. އަދި، އައްސޭރިފަށުގެ ސަރަޙައްދުތަކަށް ރާޅުއަރައި، ފަރުބަދަމަތީ ހިސާބުތަކުގައި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ގެއްލިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެެތެވެ.