ޚަބަރު

ވީއޭއާރް ބެލުމަށްފަހު ވެސްޓް ހޭމަށް ދިން ޕެނަލްޓީ ގޯސް: ވެބް


އިނގރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް މިދިޔަ އޮކްޓޯބަރ މަހު ކުޅުނު މެޗުގައި ވީޑިއޯ ބެލުމަށްފަހު ވެސްޓް ހޭމަށް ދީފައިވާ ޕެނަލްޓީ އަކީ ރަގަޅު ޕެނަލްޓީއެއް ނޫން ކަމަށް އިނގިރޭސި ވިލާތުގެ ރެފްރީގެ އެންމެ އިސް ފަރާތް ކަމުގައިވާ ހޮވާޑް ވެބް ބުނެފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެންހާގް އެ ޓީމަށް އިރުޝާދު ދިން ފަހު މެޗުކަމުގައިވާ ވެސްޓް ހޭމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީ ދިން ޕެނަލްޓީއިން ޖެހި ލަނޑާއެކު ވެސްޓް ހޭމް ވަނީ އެ މެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އަދި އެ މެޗު ނިމުނުތާ 24 ގަޑިއިރު ނުވަނީސް މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ ކޯޗު އެރިކް ޓެންހާގް މަގާމުން ވަކިކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން ރެފްރީކަން ކުރުމަށްފަހު ރެފްރީންގެ އެންމެ އިސް ފަރާތުގެ ގޮތުގައި މިވަގުތު މަސައްކަތް ކުރަމުންދާ ހޮވަޑް ވެބް ބުނެފައިވަނީ ޑޭނީ އިންގްސް އަށް ޔުނައިޓެޑްގެ މައިކަލް އޮލިވަރ ކުރި ފައުލް ފުރަތަމަ ރެފްރީ ޑޭވިޑް ކޫޓް ޕްލޭއޮންގެ ގޮތުގައި ކުރިއަށް ގެންދިޔަ ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ގޮތުގައި ހުރި މައިކަލް އޮލިވަރގެ ބަހަށް އެތަން އަލުން ބެލުމަށްފަހު ރެފްރީ ވަނީ ވެސްޓް ހޭމް އަށް ޕެނަލްޓީ ދީފަ އެވެ.

ހޮވަޑް ވެބް ސްކައި ސްޕޯޓްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެއީ ގޯސްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އެ ވަގުތު ޑިލައިޓުގެ ފައިގައި ބޯޅަ ޖެހިފައި ނުވާ ކަމަށާއި އަދި އޭނާ ފަސްކޮށް ބޯޅަ ގޮސްފައިވާއިރު އޭނާ އާއި ކޮންޓެކްޓް ވެފައިވަނީ ޑެނީ އިންގްސް ކަމަށެވެ.

އަދި މިފަދަ ހާލަތެއްގައި ދަނޑު މަތީގައި ހުންނަ ރެފްރީގެ ނިންމުން އެގޮތަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އިތުރަށް ވީޑިއޯ ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ދޭން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި ދަނޑު މަތީގައި ހުންނަ މެޗުގެ ރެފްރީ އަކީ ވީޑިއޯ އެސިސްޓެންޓް ރެފްރީން ދޭ ހިޔާލު ނުވަތަ އިރުޝާދުތައް އަޑުއަހާ އެއަށް ބިނާކޮށް ގޮތް ނިންމަން ޖެހޭ ބައެއް ނޫން ކަމަށްވެސް ވެބް ވަނީ ބުނެފަ އެވެ.

ހޮވަޑް ވެބް މި ގޮތަށް މެޗެއްގެ ރެފްރީގެ ނިންމުމާއި ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފައިވާއިރު މި މެޗުގައި ރެފްރީކަން ކުރި ޑޭވިޑް ކޫޓް ވަނީ ލިވަޕޫލް އާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕްއަށް ފާޑުކިޔާފައިވާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން ސަސްޕެންޑް ކޮށްފަ އެވެ.

ޑޭވިޑް ކޫޓްގެ މައްސަލައާއި ގުޅިގެން ވެބް ބުނެފައިވަނީ އެއީ އެމީހުން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލައެއް ކަމަށާއި އެކަމުގައި ކުރަން ޖެހޭ ކަންތައްތައް ކުރަމުންގެންދާ ކަމަށެވެ.