ޔުއެފާ ނޭޝަންސް ލީގުގައި މި މަހު އިނގިރޭސިވިލާތް ކުޅެންޖެހޭ ދެ މެޗަށް ނެގި ސްކޮޑުން ގިނަ ކުޅުންތެރިންތަކެއް ވަކިވެފައިވާތީ އެކަމަށް އެޓީމުގެ ކެޕްޓަން ހެރީ ކޭން ފާޑުކިޔައިފި އެވެ.
ހެރީ ކޭން ބުނެފައިވަނީ ކުޅުންތެރިންނަށް އެންމެ މުހިންމު ވާންޖެހޭނީ ގައުމު ކަމަށާއި އަދި ކްލަބް އަންނަން ވާނީ އޭގެ ފަހުން ކަމަށެވެ. އަދި އެ ޓީމުގެ ކުރީގެ ކޯޗު ގެރެތް ސައުތު ގޭޓަކީ އެފަދަ ކަންތައްތަކުގައި ވަރަށް ރަގަޅު ނިންމުންތަކެއް ނިންމާފައިވާ ކޯޗެއްކަމަށްވެސް ކޭން ވަނީ ބުނެފަ އެވެ.
ކޭން އިތުރަށް ބުނެފައިވަނީ ގިނަ ކުޅުންތެރިންތަކެއް ޓީމުން ވަކިވެފައިވާއިރު އެއީ ޓީމަށް ލިބޭނެ ދެރައެއް ކަމަށާއި ކްލަބްތަކަށް މިހާރު ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާއި ގުޅިގެން އެކަމަށް ގިނަ ބަޔަކު ފާޑު ކިޔާފައިވީ ނަމަވެސް އެކަމުގެ ފައިދާ ބައެއް ކުޅުންތެރިން ނަގާފައިވާކަމަށްވެސް ކޭން ވަނީ ބުނެފަ އެވެ.
އިނގިރޭސި ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން 9 ކުޅުންތެރިއަކު ޓީމުން ވަކިވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އާއި ކޯލް ޕާމާ އާއި ފިލް ފޯޑެން އާއި ޖެކް ގްރީލިޝް އާއި ބުކަޔޯ ސަކާ އާއި ޑެކްލަން ރައިސް އާއި އާރޮން ރަމްސްޑޭލގެ އިތުރުން ލެވީ ކޮލްވިލް އެވެ. އަދި އެވަޓަންގެ ޖެރާޑް ބްރެންތްވެއިޓް ފަހުން ޓީމަށް ނެގި ނަމަވެސް އޭނާވެސް ވަނީ ސްކޮޑުން ވަކިވެފަ އެވެ.
އިނގިރޭސިވިލާތުގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެހުރި ލީ ކާސްލީގެ ފަހު ދެ މެޗަށް އޭނާ އެ ޓީމު ތައްޔާރުކުރަމުންދާއިރު ކާސްލީ ބުނެފައިވަނީ ހެރީ ކޭން ދައްކާފައިވާ ވާހަކަތަކާއި ގުޅޭ ގޮތުން އެއްވެސް ކުޅުންތެރިއަކު އޭނާއާއި ވާހަކަ ދައްކާފައިނުވާ ކަމަށެވެ.
އަދި އެކަމާއި ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށްބުނެ ކާސްލީ ބުނެފައިވަނީ އެއީ ކޭންގެ ވާހަކަތައް ކަމަށާއި އޭނާއަށް މުހިންމީ އޭނާއާއިއެކު މަސައްކަތް ކުރަންތިބި ކުޅުންތެރިންނާއެކު ކުރިއަށް ދިއުން ކަމަށެވެ.
ނޭޝަންސް ލީގުގައި މިރޭ ގްރީސް އާއި ދެކޮޅަށް ގައުމުން ބޭރުގައި ކުޅުމަށްފަހު އަންނަ އާދީއްތަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސިން ނިކުންނާނީ އަޔަލޭންޑާއި ދެކޮޅަށެވެ.