ޚަބަރު

ކަސްޓަމްސްގެ އޮފީސްތައް އެއް ނެޓްވޯކަކުން ގުޅުވާލަނީ


އަތޮޅުތެރޭގައި ހުންނަ ކަސްޓަމްސްގެ އޮފީސްތަކާއި، މައި އޮފީހާއި ގުޅުވައިދޭ ނެޓްވަރކެއް ޤާއިމްކުރުމަކީ، އެންމެ ބޮޑު އެއް އަމާޒުކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ކަސްޓަމަސް މުވައްޒަފުންނަށް ވަރޗުއަލް ޕްރައިވެޓް ނެޓްވަރކެއް ޤާއިމްކުރުމާބެހޭ ގޮތުން އުރީދޫއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އިބްރާހީމް ޝަރީފް ވިދާޅުވީ، ކަސްޓަމްސްއަކީ މިހާރުވެސް ރާއްޖެއަށް ބަލާއިރު ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއް މުވައްސަސާކަމަށާއި، މި އެމްއޯޔޫގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައެވެ.

އަދި އަތޮޅުތެރޭގެ އޮފީސްތަކާއި، މައި އޮފީހާ ގުޅާލުމަށް މި އެމްއޯޔޫ މުހިއްމު ދައުރެއް އަދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އުރީދޫގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ، ސީއީއޯ ވިކްރަމް ސިންހައެވެ. އޭނާ ވިދާޅުވީ، ކަސްޓަމްސްއަށް ޓެކްނޮލޮޖީގެ ގޮތުން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އުރީދޫން އެއްބާރުލުން ދެއްވާނެ ކަމަށެވެ.