ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރާ ހަމައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ. އެގޮތުން މިއީ މީޑިއާތައް ކޮންޓްރޯލްކުރަން ސަރުކާރުން ކުރައްވާ މަސައްކަތެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރާ ހަމަޔެއް ނޫންކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނުގެ ނަމުގައި މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ބިލުގައިވާގޮތުން ބިލު ޤާނޫނަކަށްވުމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. އެ ކޮމިޝަން ވެގެންދާނީ މިނިވަން ޤާނޫނީ ޝަހުސަކަށް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.