މާލޭ ރާޅުގަނޑު ސަރަހައްދުގައި ސާފިން ސްޓޭޑިއަމް އެޅުމަށް ޑިޒައިންނާއި ކޮންސެޕްޓްގެ މަސައްކަތް ނިންމައި، ދެތިން ދުވަހެއްގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށުމަށް ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ނިންމަވާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެވެ.
އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައިި ވަނީ މި ސަރުކާރުން ސްޓޭޑިއަމެއް ހަދަން ވަޢުދުވީނަމަވެސް، މިހާރު އެހެން ބަޔަކަށް އަނެއްކާވެސް އެތަން ދިނުމަށްފަހު، އެތަނުގައި އެހެން މަސައްކަތެއް ފަށަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.
މި ތުހުމަތުތަކާއި ގުޅިގެން ޕީއެސްއެމާ ވާހަކަފުޅު ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ވަޒީރު ވިދާޅުވީ ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނާވެސް މަޝްވަރާކޮށްގެން ސަރުކާރުން ދަނީ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ސާފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ސަރަހައްދުގައި ޢަމަލީ މަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާޅުގަނޑު ސަރަހައްދުގައި ހަމަ ސާފިން ސްޓޭޑިއަމް ހަދަން އެތަން ކުރަހާވެސް ނިންމާފަ އޮތީ. އަދި ސިޓީކައުންސިލާވެސް މަޝްވަރާކޮށްފައިވާނީ އެތާނގެ ކޮންސެޕްޓް ކުރިޔަށްގެންދާނެ ގޮތް. ދެން ސާފިން އާއި ބޮޑީ ބޯޑިންގއާއި ދެ އެސޯސިއޭޝަންގެ ގެނެސްގެން އެމީހުންވެސް ބޭނުންވާ ގޮތަށް އެތަނުގެ ޑިޒައިން ކޮންސެޕްޓްވެސް ނިންމާފަ އޮތް އެއްޗެއް އެއީ. ހަމައެކަނި މަސައްކަތް ފެށުން މިހާރު އޮތީ." ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ސާފިން ސްޓޭޑިއަމް އެޅުމާއި ގުޅޭ އެއްބަސްވުމުގައި މިމަހުގެ 17 ގެ ކުރިން ސޮއި ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ސާފިން ސްޓޭޑިއަމް އަޅާތަނުގައި އެހެން ކަމެއް ނުކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.