ތަޢުލީމު

"ސްކޫލްތައް ހިންގާނީ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިގެން"


ކުރިއަށްއޮތްތާގައި ސްކޫލްތައް ހިންގަމުންދާނީ ސްކޫލްތައް ހިންގުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިގެންކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ޕްރިންސިޕަލުންގެ އަތްމަތީ ފޮތް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ޕްރިންސިޕަލުންގެ އަތްމަތީ ފޮތާއެކު ސްކޫލް ކުދިންނާއި، ބެލެނިވެރިން އަދި ކޮމިއުނިޓީއަށްދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކުރެވިގެންދާ މަސައްކަތެއްކަަމަށެވެ. އަދި ޕްރިންސިޕަލުންގެ މަސައްކަތް ލުއިފަސޭހަވެ، ސްކޫލް ހިންގުމުގައި ދިމާވާ ތަފާތު ހާދިސާތަކާއި، ސްކޫލްގެ ކިޔެވުން ރަގަޅުކުރުމާއި، މުުޖުތަމަޢާއި އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި އުސޫލުތަކެއް ކަނޑައެޅިގެންދާނެކަމުގައި ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ސްކޫލްތަކުގައި ފެންވަރު ރަގަޅުކުރެވޭނީ ސްކޫލް ހިންގާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފަހިކޮށްދީގެންކަމަަށެވެ. އަލަށް އެކުލަވާލެވުނު ޕްރިންސިޕަލުންގެ އަތްމަތީ ފޮތް ލިޔުމުގައި ރާއްޖެފަދަ ޤައުމުތަކުގެ މިފަދަ ފޮތްތަކަށް ބަލާ ދިރާސާކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.