ޗައިނާއާއި އުތުރު ކޮރެޔާ (ޑީޕީއާރްކޭ)ގެ އިތުރުން އީރާނާ އެކު ރަޝިޔާއިން އަސްކަރީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރުމަކީ ވިލާތަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ހުޅަނގުގެ ސަލާމަތީ އިއްތިޙާދު (ނޭޓޯ)ގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕަށް މެސެޖެއް ދެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. އަދި، އޭނާގެ ބޭނުމަކީ ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާގެ މެދުކެނޑުމެއް ނެތް ތާޢީދާއި އެހީތެރިކަން ހޯއްދެވުން ކަމަށް ވެސް ބެލެވެއެވެ.
ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޓްރަމްޕަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، އެ ހަނގުރާމައަކީ ޔޫކްރެއިނަކީ ޕްރޮކްސީއެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށް، އެމެރިކާއާއި ނޭޓޯގެ މެންބަރު ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެކެވެ. ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހު، އެ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމުގައި ރިޔާސީ ކެމްޕޭންގެ ތެރެއިން ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޗައިނާއާއި ޑީޕީއާރްކޭގެ އިތުރުން އީރާނާ އެކު ރަޝިޔާއިން އިޤުތިޞާދީ އަދި އަސްކަރީ ދާއިރާއިން ގުޅުންތައް ހަރުދަނާ ކުރުމަކީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ރުތޭ ސިފަ ކުރައްވާފައި ވަނީ ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚޮނާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރަޝިޔާއިން އެ ޤައުމުތަކާ އެކު ބާއްވަމުންދާ ގުޅުންތަކުގެ ސަބަބުން ވިލާތުގެ ޤައުމުގެ އިތުރުން އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކަށް ވެސް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ.
އޭގެ ތެރެއިން އޮތް އެންމެ ބޮޑު ނުރައްކަލަކީ ޑީޕީއާރްކޭއާއި އީރާނުން ރަޝިޔާއަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ރުތޭ ވިދާޅުވިއެވެ. "ހަމަ އެއް ވަގުތެއްގައި، ޗައިނާއިން އެ ދަނީ ރަޝިޔާއަށް އިޤުތިޞާދީ އެހީތެރިކަން ފޯރުކޮށްދީ އެ ޤައުމުގެ އިޤުތިޞާދު ނަގަހައްޓައިދެމުން، ރަޝިޔާގެ ދިފާޢީ ސިނާއަތް ކުރިއަރުވަން އެހީވަމުން، އަދި ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާގެ ރިވާ ފަތުރަމުން،" އޭނާ ވިދާޅުވިއެވެ.
"ރަޝިޔާއިން އުތުރު ކޮރެޔާއާއި، އީރާނާއި ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމަކީ ހަމައެކަނި ވިލާތަށް އޮތް ނުރައްކަލެއް ނޫން، އެއީ ސުލްޙައާއި ސަލާމަތަށް ވެސް އޮތް ނުރައްކަލެއް، ޚާއްޞަކޮށް ވިލާތަށް، އަދި އިންޑޯ-ޕެސިފިކް ސަރަޙައްދާއި އުތުރު އެމެރިކާއަށް އޮތް ނުރައްކަލެއް."
2022ވަނަ އަހަރު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާއާއި ނޭޓޯއިން ދަނީ ޔޫކްރެއިނަށް ހަތިޔާރު ފޮނުވައި، އަސްކަރީ އަދި ދިފާޢީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޓްރަމްޕް ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި، އެ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވީ ނަމަވެސް، އެ ކަން ކުރާނެ ގޮތް ސާފުކޮށްދެއްވާފައެއް ނެތެވެ. ނަމަވެސް، ޓްރަމްޕްގެ ބަސްފުޅުތަކާ ގުޅިގެން ވިލާތުގެ ޤައުމުތަކުގެ އިތުރުން ޔޫކްރެއިނަށް ވެސް ވަނީ ހާސްކަމާއި ކަންބޮޑުވުން ގެނުވާފައެވެ.
ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައި ހަނގުރާމައިގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޔޫކްރެއިންގެ އިތުރުން އެމެރިކާއާއި ނޭޓޯއިން ތުހުމަތު ކުރާ ގޮތުގައި، ރަޝިޔާގައި ޑީޕީއާރްކޭގެ އެތަކެއް ހާސް ސިފައިންނެއް މި ވަގުތު އެބަތިއްބެވެ. ޔޫކްރެއިނުން ބުނީ، ރަޝިޔާގެ ކޫރްސްކް ސަރަޙައްދުގައި ޑީޕީއާރްކޭގެ 11,000އެއްހާ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. ކޫރްސްކަކީ ޔޫކްރެއިންގެ ސިފައިން އަރައިގަނެފައިވާ ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ރަޝިޔާއަށް ފިއްތުއްތައް ކުރިމަތިކޮށް، ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްގެން ކަމުގައި ޔޫކްރެއިނުން ޤަބޫލު ކުރެއެވެ. އަދި، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގެންދަވަނީ އެމެރިކާއާއި ނޭޓޯގެ މެންބަރު ޤައުމުތަކަށް އެ ކަމަށް ބާރު އަޅުއްވަމުންނެވެ. އަދި، މެދުކެނޑުމެއް ނެތި އެމެރިކާއާއި ނޭޓޯއިން ހަތިޔާރު ހޯދަން މަސައްކަތް ކުރައްވަމުންނެވެ.
މި ކަމާ މެދު ވާހަކަފުޅު ދައްކަވަމުން މެކްޚޮން ވިދާޅުވީ، ޔޫކްރެއިނުން ބޭނުންވާ މުއްދަތަކަށް އެ ޤައުމަށް ހަތިޔާރު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައެވެ. "ސުލްޙައިގެ މަޝްވަރާތަކަށް ދަތުރު ކުރެވޭނެ ހަމައެކަނި މަގަކީ އެއީ، އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުން، ޔޫކްރެއިނާ ގުޅޭ އެއްވެސް ނިންމުމެއް އެ ޤައުމުގެ އަދި ވިލާތުގެ ބަހަކާ ނުލައި ނިންމައިގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ. އޭނާގެ ބަސްފުޅުތައް އަމާޒު ކުރައްވާފައި އެ ވަނީ ޓްރަމްޕަށް ކަމަށް ބެލެވެއެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ހަނގުރާމަ ފަށާފައި ވަނީ، ނޭޓޯގެ ނުރައްކާތެރި ކަމުން ސަލާމަތްވުމުގެ ނަމުގައެވެ. ނޭޓޯގެ މެންބަރު ކަން ހޯދުމަށް ޔޫކްރެއިނުން މަސައްކަތް ކުރުމަކީ، ރަޝިޔާގެ ދެމިއޮތުމާއި ކުރިމަގަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރަޝިޔާއިން ދެކެއެވެ. އެ ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވެން މި ވަގުތު އޮތް ހަމައެކަނި ގޮތަކީ، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ބިންތައް ޔޫކްރެއިނުން އެ ޤައުމަށް ދޫކޮށްލުން ކަމުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ. މިއީ، ހަނގުރާމަ ހުއްޓައިލުމުގެ ޝަރުޠެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވެސް ހުށަހަޅުއްވާފައިވާ ކަމެކެވެ. އަދި، ނޭޓޯގެ މެންބަރު ކަން ހޯދަން ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަކީ ވެސް، ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުޠެކެވެ. ޓްރަމްޕްގެ ސަރުކާރުގައި ޔޫކްރެއިނަށް އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުގެ އަދަދު އެތަކެއް ގުނައަކުން މަދު ކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ރުތޭއާއި ވިލާތުގެ ޤައުމުތަކުގެ ވެރިން މިހާރު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ، ޓްރަމްޕްގެ ވިސްނުން ބަދަލު ކުރައްވާށެވެ.