ބާބް އަލް-މަންދަބީ ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ މަނަވަރުތަކަކަށް އަމާޒުކޮށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ބުނީ ބާބް އަލް-މަންދަބީ ކަނޑުން ދަތުރު ކުރަމުން ދިޔަ އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދިނުމަށް އަސްކަރީ ޑްރޯނާއި ނުރައްކާތެރި މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި، އެ ހަތިޔާރުތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.
އެމެރިކާގެ އަސްކަރީ މަނަަވަރުތަކަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ގުޅިގެން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ އަމާޒުތަކަށް ކަމަށް ބުނެ އެމެރިކާއިން ޔަމަނަށް ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ، ޔަހޫދީންގެ މަސްލަޙަތު ހިމާޔަތްކޮށްދީ، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނެއްގެ ދަށުންނެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ އޮޕަރޭޝަން ފަށާފައި ވަނީ، ޒަޔަނިސްޓު އިސްރާާއީލުގެ ރަށްތަކާއި ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފެށުމުންނެވެ. އެ ސަރަޙައްދުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރާ ދެކޮޅަށް ޙޫޘީން އަސްކަރީ ހަރަކާތްތައް ހިންގަން ފަށާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފެށުމާ ގުޅިގެންނެވެ.
ޙޫޘީންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަޙްޔާ ޤާސިމް ސަރީޢު ވިދާާޅުވީ، ރަތް ކަނޑާއި ޢަރަބި ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ މަނަވަރުތަކަކަށް އެ ޖަމާޢަތުން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އަދި، އެ ޙަމަލާތައް އަށް ގަޑިއިރަށް ދެމިގެން ދިޔަ ކަމުގައެވެ.
ސަރީޢު ވިދާޅުވީ، ޙޫޘީންގެ ޙަމަލާތައް ފުރަތަމަ އަމާޒު ކޮށްފައިވާނީ އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަަރަކަށް ކަމުގައެވެ. އަދި، އެ އުޅަނދަށް ޙަމަލާ ދިނުމަށް އަސްކަރީ ޑްރޯނާއި މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާނެ ކަމުގައެވެ. އަދި، ދެވަނަ ޙަމަލާތައް އަމާޒު ކޮށްފައިވާނީ ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ޑިސްޓްރޯޔަރ މަރުކާގެ ދެ މަނަވަރަކަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ދެ މަނަވަރަކަށް ޙޫޘީން ޙަމަލާ ދީފައިވާ ކަން ޕެންޓެގަންގެ ތަރުޖަމާނު ޕެޓްރިކް ރައިޑަރ ކަށަވަރު ކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ، އެ މަނަވަރުތަކަށް ޙަމަލާ ދިނުމަށް އަށް ޑްރޯނާއި، ފަސް ބެލިސްޓިކް މިސައިލާއި، ތިން ކްރޫޒް މިސައިލް ބޭނުން ކޮށްފައިވާ ކަމުގައެވެ. އެ ހަތިޔާރުތައް ދިފާޢު ކޮށްފައިވާނެ ކަމަށާއި، ޙަމަލާތަކާ ގުޅިގެން މަނަވަރުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަނަށް ޙަމަލާ ދީފައިވާ ކަން އޭނާ ކަށަވަރު ކޮށްދެއްވާފައެއް ނެތެވެ.
ޙޫޘީންނަކީ، އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތެކެވެ. އެކްސިސްގައި ހިމެނޭ އެހެން ޖަމާޢަތްތަކުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތާއި، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله ހިމެނެއެވެ. އެ ދެ ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި މީގެ 13 މަސް ކުރިންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 43,000އަށް އުފުލިފައިވާއިރު، ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ވެސް ލާއިންސާނީ ޖަރީމާތަކެއް ފަށާފައެވެ. އަދި، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ. މި ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,665އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 103,076 މީހުން ޒަޚަމު ކޮށްލާފައެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,287އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 14,222އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.