ޚަބަރު

ހުޅުމާލޭގައި ވައިފައި ޒޯންތައް އިތުރުކޮށް، ސީސީޓީވީ ބަހައްޓަނީ


ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރެއްވުމުގެ މަސައްކަތުގެ ދަށުން އާންމުކޮށް މީހުން އެއްވާ ޕާކްތަކާއި، އެހެނިހެން ސަރަހައްދުތަށް ވައިފައިކުރުމާއި، ސީސީ.ޓީ.ވީ ކެމެރާ ސިސްޓަމް ބެހެއްޓުމުގެ އެއްބަސްވުމެއްގައި އުރީދޫ މޯލްޑިވްސްއާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސޮއިކުރައްވައިފިއެވެ.

މި އެގްރީމެންޓްގެ ދަށުން އެންމެ ކުރިއަށްއޮތް ތިރީހަކަށް ދުވަހުގެ ތެރޭގައި ހުޅުމާލޭ ސެންޓްރަލް ޕާކުގެ ލެޝަރ ޒޯން ވައިފައި ކުރެވިގެންދާނެއެވެ. އެޗް.ޑީ.ސީ އާއި އުރީދޫއިން އިންފްރާސްޓްރަކްޗަރ ޝެއަރިންގ އެގްރީމެންޓްގައި ސޮއިކުރެއްވުމަށް މިއަދު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙަމަދު ސައިމަން ރަޝީދު ވިދާޅުވީ، މިއީ ހުޅުމާލެ ތަރައްގީ ކުރެއްވުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުގެ މައިގަނޑު އެއް ކޮންސެޕްޓް ކަމުގައިވާ ސްމާޓް ސިޓީއަކަށް ހެއްދެވުމުގެ މަސައްކަތުގެ ފަށައިގަތުމެއްކަމަށެވެ. ސައިމަން ވިދާޅުވީ މިއެގްރީމަންޓްގެ ދަށުން އުރީދޫން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ހިލޭ ވައިފައިގެ ޚިދުމަތާއި، ސީސީޓީވީ ކެމެރާގެ ޚިދުމަތް ދެއްވުމުން އާންމު ފަރާތްތަކަށާއި، ފުލުންހުން ބަލަހައްޓަވާ ސަލާމަތީކަންކަމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.

މިއެގްރީމަންޓްގެ ދަށުން މުޅި ހުޅުމާލޭގައި އުރީދޫއިން ފައިބަރ ނެޓްވޯކް އަޅައި، އެޗް.ޑިސީން ބޭނުންވާ ހުރިހާތަނެއްގައި ސީސީޓީވީ ކެމެރާ ހަރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެއެވެ. އަދި އުރީދޫން ދޭ ސުޕަނެޓްގެ ޚިދުމަތާއި، އެހެނިހެން ޚިދުމަތްތަށް ފުޅާކުރެވިގެންދާނެކަމަށް އުރީދޫން ބުނެއެވެ. އުރީދޫގެ ސީއީއޯ ވިކްރަމަސިންގ ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ވައިފައި ދެއްވަން ފައްޓަވާނެކަމަށެވެ. އަދި ގާތްގަނޑަކަށް ތިންމަސްދުވަހުގެ ތެރޭގައި އެގްރީމަންޓްގައިވާ ކަންކަމުގެ އަމަލީ މަސަކަތް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.