ސިއްހަތު

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބޯޑުގެ އިފްތިތާޙީ ޖަލްސާ ބާއްވައިފި


ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބޯޑުގެ އިފްތިތާޙީ ޖަލްސާ ބާއްވަވައި، ބޯޑު މެންބަރުންގެ އިޤްރާރުގައި ސޮއިކުރައްވައިފިއެވެ.

ޖަލްސާ ފަށްޓަވައިދެއްވުމަށްފަހު މެންބަރުންނާ މުޚާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޑރ. އިރުތިޝާމް އާދަމް ވިދާޅުވީ، ޤާނޫނުގެ ދަށުން ލާޒިމްކޮށްފައިވާ ކަންކަން ކުރެއްވުމަށް ހުރިހާ މެންބަރުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާކަމުގައެވެ. އަދި ރާއްޖޭގައި ގިނަ ބަލިތައް ޖެހުމުގެ އަސްލަކީވެސް ދުންފަތް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމަށް ޚާއްޞަ ދިރާސާއެއް ބޯޑުގެ ދައުރުގައި ހެއްދެވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ޤާއިމް ކުރައްވާފައިވާ ބޯރޑެކެވެ. ބޯޑުގެ ފުރަތަމަ ދައުރު 2010 އިން 2014 އަށް ވަނީ ހަމަވެފައެވެ. ދެވަނަ ދައުރަކަށް، ރައީސުލްޖުމްހޫރިއްޔާ ބޯރޑް އެކުލަވާލެއްވީ، ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.

ބޯރޑުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތް މިހާރު ރާއްޖޭގައި ކުރިއަށް ގެންދެވޭ ގޮތް، އަދި ވަކިން ޚާއްޞަކޮށް ޤާނޫނު ތަންފީޒު ކުރެވެމުންދާ ގޮތް މުރާޖަޢާކުރައްވައި، ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތް އިތުރަތް ހަރުދަނާކުރެއްވުމެވެ.

މީގެތެރޭގައި މިހާރު އޮތް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، މި މަސައްކަތުގައި މުޖުތަމަޢުގެ އެކިއެކި ދާއިރާތައް ޝާމިލް ކުރުންވެސް ހިމެނެއެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު ވުޖޫދަށް އައިސްފައިވަނީ، 2010 ވަނަ އަހަރުއެވެ.