ޚަބަރު

ރެލިގޭޓުވިތާ އަހަރެއްގެ ތެރޭގައި ސަންޓޯސް އެނބުރި ފުރަތަމަ ޑިވިޝަނަށް


ބްރެޒިލްގެ އެންމެ ކާމިޔާބު އެއްކްލަބު ކަމަށްވާ، ސަންޓޯސް ރެލިގޭޓްވިތާ އަހަރެއްގެ ތެރޭގައި އެނބުރި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެއްޖެއެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، ޕެލޭގެ ކުރީގެ ކްލަބު ސަންޓޯސް ރެލިގޭޓްވީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ފޯޓަލޭޒާ އަތުން 2-1 އިން ބަލިވި މެޗަށްފަހު އެވެ. މިއީ އެ ޓީމުގެ ތާރީޚުގައި ރެލިގޭޓްވި ފުރަތަމަ ފަހަރެވެ.

މިވަގުތު ބްރެޒިލްގެ ދެވަނަ ޑިވިޝަން (ސެރިއޭ ބީ) ގައި ކުޅެމުން އަންނަ ސަންޓޯސް ވަނީ ހޯމަ ދުވަހު ކޮރިތީބާ އަތުން 0-2 އިން ހޯދީ މޮޅާއެކު އެނބުރި ބްރެޒިލްގެ ސެރިއޭ އިން ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުން ހޯދީ ތިން ޕޮއިންޓާއެކު އެ ޓީމުން ވަނީ ސެރިއޭ ބީގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ފުރަތަމަ ހާފުގައި ސަންޓޯސް އަށް ކާމިޔާބުކޮށްދިނީ ވެންޑެލް އާއި ރޮމިއުލޯ އޮޓޭރޯ އެވެ.

"ތާރީޚު ބަދަލުކޮށްލެވުމުން ވަރަށް ބޮޑު އުފަލަކާ ފަޚުރެއް ލިބިއްޖެ،" ޖިއީ.ގްލޯބޯ އަށް ދިން އިންޓަވިއުގައި ސަންޓޯސްގެ ބްރެޒިލް ފޯވާޑް، ގިލާމޭ ބުންޏެވެ.

ގިލާމޭ އިތުރަށް ބުނީ، އެ ކްލަބުން ހޭދަކުރީ އުނދަގޫ އަހަރަށް ފަހު ސަޕޯޓަރުން މި ކާމިޔާބޯ ވަރަށް ބޮޑަށް ޙައްޤުވާ ކަމަށެވެ. އެގޮތުން، އެ ކްލަބުގެ ސްޓާފުންނާއި ބޯޑު މެންބަރުން ހިމެނޭ ގޮތަށް ގުޅުންހުރި އެންމެހާ ފަރާތްތަކުގެ މަސައްކަތަށް ޝުކުރު އަދާކުރުމުގެ ބުނާނެ އެއްޗެއްވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ބްރެޒިލްގެ ކުރީގެ ލެޖެންޑް، ޕެލޭ ވަނީ ސަންޓޯސް އަށް ކުޅުނު ދުވަސްވަރު ދުނިޔޭގެ އެންމެ މަޝްހޫރު އެއްކްލަބަށް އެ ކްލަބު ހެދުމަށް ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ. އޭގެތެރޭގައި، 1950 އާއި 1960 ގެ އަހަރުތަކުގެ ތެރޭގައި ރަން ޒަމާނެއް ފެށި، ސަންޓޯސް އިން ވަނީ 10 ސްޓޭޓް މުބާރާތާއި، ހަ ފަހަރު ބްރެޒިލް ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

ޕެލޭގެ އިތުރުން، ސަންޓޯސް އިން ވަނީ ނޭމާ އާއި ކުރީން އޭސީ މިލާނާއި ރެއާލް މެޑްރިޑަށް ކުޅުނު ރޮބީނިއޯ ފަދަ އެތައް މޮޅު ކުޅުންތެރިންނެއް އުފައްދާފައެވެ.