ޕެޕް ގަޑިއޯލާގެ ކޯޗިން ހަޔާތުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ މިހާރު މެންޗެސްޓަރ ސިޓީ އަށް ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގެނެ އެ ޓީމުގެ އަސްލު ފޯމަށް އެނބުރި އާދެވެނޭކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްޕޯޓިން އަތުން ބަލިވުމަށްފަހު އިނގިރޭސި ލީގު ކަޕްގައި ޓޮޓެންހަމް ހޮޓްސްޕަރ އަތުންވެސް ސިޓީ ވަނީ ބަލިވެފަ އެވެ. އަދި އޭގެ ފަހުން ޕްރިމިއާ ލީގުގައި ބޯންމަތު އާއި ދެކޮޅަށް ކުޅުނު މެޗުން ބަލލިވެފައިވަނިކޮށް ބްރައިޓަން އަތުން މި ހަފްތާގައި ވަނީ 2-1 ގެ ނަތީޖާއަކުން ސިޓީ ބަލިވެފަ އެވެ.
ގަޑިއޯލާ ބުނެފައިވަނީ ސިޓީ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަ ކަމަށާއި އެގޮތުން އެ ޓީމުގެ މުހުންމު ގިނަ ކުޅުންތެރިން ތަކަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރުބެން ޑިއާސް އާއި ޖޯން ސްޓޯންސްގެ އިތުރުން ކެވިން ޑެބްރޫނިއާ އަދި ޖެކް ގްރީލިޝް ހިމެނެ އެވެ.
ގަޑިއޯލާ އިތުރަށް ބުނެފައިވަނީ މެޗުތަކުން މޮޅުވާނަމަ ދައްކާނެ މާގިނަ ވާހަކަތަކެއް ނޯންނާނެ ކަމަށާއި ނަމަވެސް މެޗުން ބަލިވާން ފެށީމަ ވަރަށް ގިނަ ވާހަކަތައް ދެކެވޭނެ ކަމަށާއި ނަމަވެސް އެއީ ކިހާ އުނދަގޫ ކަމެއްކަން އެނގޭނީ މަދު ބަޔަކަށް ކަމަށެވެ.
ޕްރިމިއާ ލީގުގައި އަދި ކުޅުނު މަދު މެޗުތަކެއް ކަމަށާއި ލީގުގައި އަދި ބޮޑުބައި ކުރިއަށް އޮތް އިރު މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަނެ ސިޓީގެ އަސްލު ފޯމަށް އެނބުރި އާދެވޭނެ ކަމަށްވެސް މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ސިޓީ އަށް ހޯދައިދިން ކޯޗު ގަޑިއޯލާ ވަނީ ބުނެފަ އެވެ.
އަދި މިހާރު ސިޓީ އޮތީ އެންމެ ރަގަޅު ފޯމުގައި ނޫން ކަމަށާއި ސިޓީއަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާއި ގުޅިގެން ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރެއްގެ ގޮތުގައި 19 އަހަރުގެ ސިމްޕްސަން ފަދަ ޒުވާން ތަޖުރިބާ މަދު ކުޅުންތެރިން ބޭނުންކުރަން ޖެހޭ ހާލަތުގައި ޓީމު އޮތްކަން ގަޑިއޯލާ ވަނީ ފާހަގަ ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް 11 މެޗު ކުޅެފައިވާއިރު މެންޗެސްޓަރ ސިޓީ އޮތީ 11 މެޗުން ލިބުނު 23 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ވަނީ 28 ޕޮއިންޓް ލިބިފަ އެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގައި އޮތް ޗެލްސީ އާއި އާސެނަލް އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.
ބައިނަލްއަގްވާމީ މެޗުތަކަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލާފައިވާއިރު އަލުން ދެން ލީގުގެ ކުޅުން ފެށޭނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.