ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ޔޫކްރެއިނުން ނުރައްކާތެރި ޑްރޯން ޙަމަލާތަކެއް ދީފިއެވެ. އެ ޙަމަލާތަކުގައި 34 އަސްކަރީ ޑްރޯން ބޭނުންކޮށްފައިވާއިރު، މިއީ 2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން މޮސްކޯއަށް ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތަކެވެ. ޔޫކްރެއިންގެ ޙަމަލާތަކާ ގުޅިގެން މޮސްކޯގެ މައި ވައިގެ ބަނދަރުތައް ބަންދު ކުރަން ޖެހިފައިވާއިރު، ޙަމަލާތަކުގައި ފަސް މީހުން ޒަޚަމުވިއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ޤައުމުގެ ހުޅަނގުގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރި 50އެއްހާ ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ރަޝިޔާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ބުނީ، ޑްރޯން ޙަމަލާތަކާ ގުޅިގެން ދަމާޖިޔެދަވާ، ޝެރެމިޓީއިޔެވާ އަދި ޜޫކޮވްސްކީ ވައިގެ ބަނދަރަށް ދަތުރު ކުރަމުން ދިޔަ 36 މަތިންދާބޯޓު ޑައިވަރޓު ކުރަން ޖެހުނު ކަމުގައެވެ.
ޙަމަލާތަކުގައި ފަސް މީހުން ޒަޚަމުވި ކަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ކަށަވަރު ކޮށްދިނެވެ. މޮސްކޯއަކީ 21 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. ރަޝިޔާގެ ބްރަޔަންސްކް ސަރަޙައްދަށް ވެސް ޔޫކްރެއިނުން ޑްރޯން ޙަމަލާތަކެއް ދިނެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ސަރަޙައްދަށް ޙަމަލާ ދިނުމަށް ބޭނުން ކުރި 14 ޑްރޯނެއް ވައްޓައިލާފައިވާނެ ކަމުގައެވެ.
ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޑްރޯން ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 145 އަސްކަރީ ޑްރޯން ބޭނުން ކުރިއެވެ. ޔޫކްރެއިނުން ބުނީ، ވެރިރަށް ކީވަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ބޭނުން ކުރި 62 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.
ކީވްގެ އިތުރުން ޔޫކްރެއިންގެ ދެކުނުގައި އޮތް އޮދެއްސާއަށް ވެސް ރަޝިޔާއިން ޑްރޯން ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުންވެ، ދެ މީހަކު ޒަޚަމު ކަމުގައި ޔޫކްރެއިނުން ބުންޏެވެ. "ގަރާޖުތަކާއި، ކާރުތަކާއި ޢާންމުންގެ މުދަލުގައި ރޯވެ، ޢާންމުން ދިރިއުޅޭ އިމާރާތްތަކާއި ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުުނު،" ޔޫކްރެއިންގެ އެމަރޖެންސީ ޚިދުމަތްތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ.
ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯއްދެވި ކާމިޔާބީއާ ގުޅިގެން ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޓްރަމްޕަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. އަދި، ޔޫކްރެއިނަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުމާ ވެސް ދެކޮޅު ހައްދަވަމުން ގެންދަވާ ބޭފުޅެކެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމުގައި ކެމްޕޭންގެ ތެރެއިން ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އިންތިޚާބުގައި ޓްރަމްޕް ހޯއްދެވި ކާމިޔާބީއާ ގުޅިގެން އޭނާއަށް މަރުޙަބާ ވިދާޅުވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ފޯނުން ގުޅުއްވާފައެވެ. ޓްރަމްޕާއި ޒެލެންސްކީގެ ފޯން ކޯލްގައި ޓެސްލާ ކުންފުނީގެ ވެރިޔާ އީލޯން މަސްކު ބައިވެރިވި ކަމުގައި ރިޕޯޓުތައް ބުނެއެވެ. އޭނާއަކީ ޓްރަމްޕަށް ތާޢީދު ކުރައްވައި، އޭނާގެ ކެމްޕޭނަށް އެންމެ ބޮޑަށް ޚަރަދު ކުރައްވާފައިވާ އެކަކެވެ. އަދި، ޔޫކްރެއިންގެ ވައިގެ ދިފާޢީ ނިޒާމުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދެމުން ދަނީ މަސްކުގެ ސްޓާލިންކ ސެޓެލައިޓުތައް ބޭނުން ކޮށްގެން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދެ ފަރާތުން ވެސް ދަނީ ގިނަ އަދަދެއްގެ ޑްރޯން ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި އަސްކަރީ ޑްރޯނާއި، މަދަނީ ބޭނުންތަކަށް އުފައްދާފައިވާ ޑްރޯން ހިމެނެއެވެ. މީގެ ކުރިން ޔޫކްރެއިނުން ދީފައިވާ ގިނަ އަދަދެއްގެ ޑްރޯން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރަޝިޔާގެ ތެލާއި ގޭސް ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށެވެ. އަދި، ތެލާއި ގޭސް ރައްކާކުރާ ގުދަންތަކާއި އަސްކަރީ ރާޑަރުތަކަށެވެ. ދެ ޤައުމުން ދަނީ އެކި ބާވަތްތަކުގެ އަސްކަރީ ޑްރޯން ގަންނަމުންނެވެ. އަދި، އުފައްދަމުންނެވެ.
ޔޫކްރެއިންގެ ޑްރޯން ޙަމަލާތައް ދިފާޢު ކުރުމަށް ރަޝިޔާއިން ވަނީ މޮސްކޯގައި، އަދި ރިޔާސީ ގަނޑުވަރު، ކްރެމްލިން ވަށައިގެންވާ ސަރަޙައްދުގައި ވަރަށް ފުރިހަމަ ވައިގެ ދިފާޢީ ނިޒާމެއް ޤާއިމު ކޮށްފައެވެ. މޮސްކޯގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔޫކްރެއިނުން ދެމުންދާ ޙަމަލާތަކަކީ ނިރުބަވެރި ޙަމަލާތަކެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ސިފަ ކުރައްވައެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.
އޮގަސްޓު މަހުގެ 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވަނީ ހަނގުރާމަ ފުޅާކޮށް ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް ސިފައިން ފޮނުވާފައެވެ. އަދި، އެ ސަރަޙައްދުގައި އޮތް ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. ކޫރްސްކަށް އަރާފައިވާ ޔޫކްރެއިންގެ ސިފައިން ވެރިވެގަނެފައިވާ ބިންތައް މިނިވަންކޮށް، ޔޫކްރެއިންގެ ފައުޖުތަކަށް ފަހަތަށް ޖެއްސުމަށް ރަޝިޔާގެ ސިފައިން ދަނީ ހަނގުރާމަ ކުރަމުންނެވެ.