ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ އެތެރޭގެ ބަދަހިކަން ދެމެހެއްޓުމަށްޓަކައި ރިޔާސީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވަންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ބަދަހި ގުޅުން، އެގޮތުގެ މަތީގައި ދެމެހެއްޓުމަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓްގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ދެއްވަން ޖެހޭކަމަށާއި، ޕްރައިމަރީގެ ސަބަބުން ޕާޓީގެ ބަދަހިކަމަށް ބުރޫއެރުމުގެ ފުރުޞަތު އެބައޮތްކަން ކުރިން ބޭއްވި ރިޔާސީ ޕްރައިމެރީން ވެސް ހާމަވެގެން ގޮސްފައިވާކަމަށެވެ.
tw:https://twitter.com/MoosaZameer/status/743158319846547456
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ދެއްވުމަށް ގޮވާލާ ޤަރާރެއް ގައި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ޕީޕީއެމްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ވަނީ ސޮއިކުރައްވާފައެވެ. ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންވެސް ގެންދަވަނީ މީޑިއާގައި އެކަމަށް ގޮވާލައްވައި ވާހަކަދައްކަވަމުންނެވެ. އޭގެ ތެރޭގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ހުސައިން މަނިކުވެސް ހިމެނިވަޑައިގަންނަވައެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އެޕާޓީގެ ނަމުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ހުރިހައި މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ނަގާ ސިއްރު ވޯޓަކުންކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީ ބާއްވަންޖެހޭނީ ރިޔާސީ އިންތިޚާބުގައި ވޯޓް ނެގުމުގެ ކުރިން 3 މަހާއި 6 މަހާދެމެދުގެ މުއްދަތެއްގެ ތެރޭގައިކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ނަމުގައި ރައީސްކަމުގައި ވާދަކުރައްވާ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ބޭފުޅަކު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ ޕްރައިމަރީއަކާއި ނުލައި ރިޔާސީ ޓިކެޓް ދެވިދާނެކަމަށް އަސާސީ ޤަވާއިދުގައިވެއެވެ.