20ވަނަ ޤަރުނުގައި ޖުމްހޫރިއްޔަތެއް ގެނައުމަށް ދިވެހިން ދުށް ހުވަފެން ހަޤީގަތަކަށްވާތަން ފެންނަން ފަށާފައިމިވަނީ މިއަދުކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ޖުމްހޫރިއްޔަތެއް ރައްޔިތުން ބަލައިގަތުމުގެ މާނައަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނާ ބެހޭ ގޮތުންނާއި ޤައުމުގެ ތަރައްޤީގެ ކަންކަން ނިންމުމުގައި ދިވެހި ރައްޔިތުންގެ ޙިއްސާއާއި ބައިވެރިވުން އޮތުންކަމަށެވެ. މިއީ ދިވެހި ރައްޔިތުން 20ވަނަ ޤަރުނުގައި ބޭނުންވިގޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމާއަށް އެކި ބަދަލުތައް އައިނަމަވެސް، ނަމަށްވުރެ ކުރާ ކަންތައްތައް މުހިއްމުވާކަމަށާއި 20ވަނަ ޤަރުނުގެ ރައްޔިތުން ދެކެމުން އައި ހުވަފެން މިއަދު ހަޤީގަތަކަށްވާތަން ފެންނަމުންދާކަމަށެވެ. އޭގެ ސަބަބުތަކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ މައިގަނޑު 3 ކަމެކެވެ.
އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިތްޕުޅުގައި ދިވެހި ޤައުމާއި ދިވެހިންނާ ދެކެވަޑައިގަންނަވާ ގޮތް ސާފުކޮށް ރައްޔިތުންނަށް ހުށައެޅުއްވުމުން، ވެރިކަމުގެ އަމާނާތް އިތުބާރާއެކު ރައީސްއަށް ހަވާލުކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި ވެރިކަން ހަވާލުކުރެއްވުމުގެ ކުރިންވެސް އެމަނިކުފާނު ގެންދެވީ ރައްޔިތުންގެ ފަޅީގައި އެމަނިކުފާނު އަބަދުވެސް ހުންނަވާނެކަމަށާއި ވެރިކަން ކުރައްވަން ބޭނުންވަނީ ޤައުމުގެ ހުރިހާ ފަށަލަތަކެއް ޝާމިލްވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ.
"ވެރިކަމުގައި ހުންނަވާ ބޭފުޅެއް، ހިންގަވަން ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް އިޚުލާސްތެރިކަން ރައްޔިތުންނަށް މަންފާ ލިބުމުގައި އެންމެ ބޮޑުދައުރެއް އަދާކުރަނީ. މިއަދަށް ބަލާއިރު 20ވަނަ ޤަރުނުގެ ދިވެހި ރައްޔިތުން ދުއް ހުވަފެން ޙަޤީގަތަކަށް ވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ މިއަދު ކަމަށް ދަންނަވާކަށް އަޅުގަނޑު ފަހެއް ނުޖެހޭ" ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވި ވަޢުދުފުޅުތައް ފުއްދެވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކުރިއަށްއޮތް 20 އަހަރުދުވަހުގެ ޤައުމީ ތަރައްޤީ އާ ގުޅޭ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މި ޕްލޭން ފުރިހަމަވެގެން އަންނައިރު ހުރިހާ ރައްޔިތުންގެ ޚިޔާލުތައް އެ ޕްލޭންގައި އޮތުމަކީ ރައީސް ބެނުންވާގޮތްކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާކަންވެސް ވަޒިރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ފުރުޞަތުތައް ހުޅުވާލައްވާފައިވާކަމަށާއި ދިވެހިރާއްޖެ ކުރިއަށް އޮތްތަނުގައި ހިންގާނީ ހުރިހާ ދިވެހިން ދަންނަ މިސްރާބަކަށް ދިޔުމަށްކަމަށް ވަޒީު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިންގެ އަމިއްލަވަންތަކަމާއި ދިވެހިންގެ ސަލާމަތާއި، ދިވެހިންގެ ސަގާފަތާ ގުޅޭ 10 ރަސްމިއްޔާތު އަހަރެއްގެ ތެރޭގައި ބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަންވެސް ވަޒީރު އަދަމް ނަސީރު ވަނީ ވިދާޅުވެފައެވެ.