ޚަބަރު

ފުވައްމުލަކު ސިޓީން 4 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަނީ ފިރިހެން ކުއްޖެއް

  • އެންމެ ފަހުން ފެނުނީ ހަވީރު 17:00 ހާއިރު، ފްލެޓް ސަރަޙައްދުން

  • ކުއްޖާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ފުވައްމުލަކު ސިޓީގައި އުމުރުން 4 އަހަރު ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ފުވައްމުލަކު، މިސްކިތްމަގު، މާކޯނި، އިޒްޔާން ހުޝާމް މުޙައްމަދު ނަމަކަށްކިޔާ 4 އަހަރުގެ ފިރިހެންކުއްޖެކެވެ.

ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ހަވީރު 17:00 ހާއިރުއެވެ. ފުލުހުން ވިދާޅުވީ އިޒްޔާން އެންމެ ފަހުން ފެނިފައިވަނީ މިއަދު 16:45 އެހައިކަންހާއިރު، ފުވައްމުލައް ދިގުވާޑު ފުލެޓް ނަންބަރު 02ޖީ18 ފުލެޓް ފަހަތުން ކަމަށެވެ.

އޭރު ލައިގެންހުރީ 10 ނަންބަރު ޅުކުލައި ޖާޒީ އެއް ކަމަށް ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

ގެއްލިގެން އުޅޭ ކުއްޖާގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792803އަށް ގުޅާ މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤް ވިދާޅުވީ ކުއްޖާ އެންމެ ފަހުން ފެނުނީ ކުއްޖާ ދިރިއުޅޭ ފްލެޓް ސަރަޙައްދުންކަމަށެވެ. އެ ސަރަޙައްދަކީ ހަވީރު ވަގުތަށް ކުދިން ބޭރަށް ނިކުމެ އުޅޭ ސަރަޙައްދެކެވެ. ފުވައްމުލައް ސިޓީގެ މޭޔަރު ވިދާޅުވީ ފުލުހުންނާއި ކައުންސިލާއި މުވައްސަސާތަކާއި ރައްޔިތުން ނިކުމެ ކުއްޖާ ހޯދުމުގެ މަސައްކަތް މިވަގުތުވެސް ކުރަމުންދާކަމަށެވެ.