ޚަބަރު

ޕޮލަންޑް މުބާރާތެއްގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ލައިބާއަށް ލޯ މެޑެލް


ޕޮލަންޑުގެ ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލް މުބާރާތުގެ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ އުއްމީދީ ބެޑްމިންޓަން ތަރި ލައިބާ އަޙްމަދު މަޚުލޫފް (އެލީ) ލޯ މެޑެލް ހޯދައިފިއެވެ.

ލައިބާ އާއެކު ޕެއާއެއްގެ ގޮތުގައި ކުޅެފައިވަނީ ލިތުއޭނިއާގެ ޖޫލިއަސް އެވެ. ސެމީ ފައިނަލުން ބަލިވާ ދެ ޕެއާއަށްވެސް ލޯ މެޑަލް ލިބެއެވެ. ލައިބާ އާއި ޖޫލިއަސްގެ ޕެއާ ލޯ މެޑަލް ލިބުނީ ޕޮލެންޑުގެ އަލެކްސަންޑަ ޓާކްސީ އާއި ކްލައުޑިއާގެ ޕެއާ އަތުން ބަލިވުމުންނެވެ. އެއީ، 21-11، 21-07 އިންނެވެ.

މި ކާމިޔާބީއާއެކު ލައިބާ ބުނީ މިފަހަރުގެ ޕޮލެންޑް މުބާރާތުގައި އޭނާ ވާދަކުރި 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ މެޑަލަކާ އެކު މުބާރާތް ނިންމާލެވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި މިއަހަރު ބައިނަލްއަޤްވާމީ މުބާރާތްތަކުގެ 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް، ހަތް ލޯ މެޑަލާއި ދެ ރިހި މެޑަލް ލިބުމަކީ، އަންނަ އަހަރާ ކުރިމަތިލާއިރު، ހިތްވަރަކަށްވާނެ ކަމަށެެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓުގައި ވާދަކޮށް ލައިބާ ވަނީ ގަދަ 16 ބުރަށް ދަތުރުކޮށްފައެވެ. ގަދަ 16 ބުރުން ލައިބާ ބަލިވީ ޕޮލެންޑްގެ ލެނާ ޕަޒްޗެކް އަތުން 21-10 އާއި 21-10 އިންނެވެ.