ކުޅިވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައިން ފްރާންސް ޖާގަ ހޯދައިފި.


މެޗްގެ ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑުން އަލްބޭނިޔާގެ މައްޗަށް ކުރި ހޯދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައިން ފްރާންސް ޖާގަ ހޯދައިފިއެވެ.

ރޭ ފްރާންސްއިން އަލްބޭނިޔާގެ މައްޗަށް ކުރި ހޯދީ 2 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ފްރާންސްއިން ކާމިޔާބުކުރި 2 ލަނޑުވެސް ޖަހާފައިވަނީ މެޗްގެ 90 މިނެޓްގެ ކުޅުން ހަމަވިފަހުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެންޓޮއިން ގްރީޒްމަން މެޗްގެ 90 ވަނަ މިނެޓްގައި ފްރާންސްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑް ނަގައިދީފައިވަނިކޮށް 2 ވަނަ ލަނޑު އިތުރަށް ދެއްކި 5 މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިމިޓްރި ޕަޔެޓެވެ.

 މި މެޗުން މޮޅުވެ ފްރާންސް ގްރޫޕް އޭގެ 1 ވަނާގައި އޮތީ ކުޅުނު 2 މެޗުން 6 ޕޮއިންޓް ލިބިގެނެވެ. 2 ވަނާގައި އޮތް ސްވިޒަރލެންޑަށް ލިބެނީ 4 ޕޮއިންޓެވެ. ފްރާންސްގެ އިތުރުން މި ގްރޫޕުން ގަދަ 16 އިން ޖާގަ ކަށަވަރުކުރާނެ ޓީމެއް އެނގޭނީ މި ގްރޫޕްގެ ފަހު މެޗްތަކަށްފަހުއެވެ.