ޚަބަރު

ރަޝިޔާ-އުތުރު ކޮރެޔާ އެއްބަސްވުމަށް ޤާނޫނީ ބާރުވެރިކަން ދީފި


ރަޝިޔާއާއި އުތުރު ކޮރެޔާ (ޑީޕީއާރްކޭ)އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް ރަޝިޔާއިން ޤާނޫނީ ބާރުވެރިކަން ދީފިއެވެ. ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިިމިޔަރ ޕުޓިން ޖޫން މަހުގެ ތެރޭގައި ޕްޔުންގޔަންގަށް ވަޑައިގަންނަވައި، ޑީޕީއާރްކޭގެ ޒައީމް ކިމް ޖޮންގ އުނާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހުއެވެ. ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ތެރޭގައި ހުޅަނގުގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔަ ދިފާޢީ އަދި އަސްކަރީ އެއްބަސްވުންތައް ހިމެނެއެވެ.

ރަޝިޔާއާއި-ޑީޕީއާރްކޭއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް ޤާނޫނީ ބާރުވެރިކަން ލިބިގެން ގޮސްފައި މި ވަނީ، ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދިނުމާ ގުޅިގެންނެވެ. އަދި، ޕުޓިން ވަނީ، މަޖިލީހުން ފާސްކޮށްފައިވާ އެއްބަސްްވުން ތަސްދީޤު ކުރައްވާފައެވެ.

ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ސޮއިކޮށްފައިވާ ދިފާޢީ އެއްބަސްވުމުގެ ހަތަރުވަނަ މާއްދާގައި ބުނެފައި ވަނީ, ރަޝިޔާ ނުވަތަ އުތުރު ކޮރެޔާއާ ދެކޮޅަށް އެއްވެސް ޤައުމަކުން, ނުވަތަ ޤައުމުތަކަކުން, ޙަމަލާދީފި ނަމަ, ނުވަތަ ހަނގުރާމަ ފަށައިފިނަމަ, އުތުރު ކޮރެޔާއާއި ރަޝިޔާއިން އެއް ޤައުމުން އަނެއް ޤައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވާ ކަމުގައެވެ. މިއީ ހުޅަނގުގެ ބާރުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް، ހަޖަމު ކުރެވޭ ގުޅުމެއް ނޫނެވެ.

މި އެއްބަސްވުން ތަންފީޒު ކުރުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ބޭއްވުމަށް ޑީޕީއާރްކޭގެ ޚާރިޖީ ވަޒީރު ޗުއެ ސޮން ހުޔީ ދާދިފަހުން ވަނީ މޮސްކޯއަށް ގޮސް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފާ ބައްދަލު ކޮށްފައެވެ. ރަޝިޔާއާއި ޑީޕީއާރްކޭއާ ދެމެދު ގުޅުންތައް ހަރުދަނާ ކުރަމުން މި ދަނީ، ޑީޕީއާރްކޭގެ ގިނަ އަދަދެއްގެ ސިފައިން ރަޝިޔާގައި ތިބި ކަމަށް އެމެރިކާއާއި އެމެރިކާގެ އެކުވެރިން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާއި، ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ އިތުރުން ދެކުނު ކޮރެޔާ ވެސް ހިމެނެއެވެ.

ޑީޕީއާރްކޭގެ 10,000އަށްވުރެ ގިނަ ސިފައިން މި ވަގުތު ރަޝިޔާގައި ތިބި ކަމުގައި ދެކުނު ކޮރެޔާއިން ތުހުމަތު ކުރެެއެވެ. ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ރަޝިޔާގައި ތިބި ޑީޕީއާރްކޭގެ ސިފައިން, ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމުގައެވެ. އަދި, ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކްގެ އިތުރުން ހަނގުރާމައިގެ ކުރީ ސަފުގައި ޑީޕީއާރްކޭގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ.

އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ވެސް ބުނީ, ކޫރްސްކް ސަރަޙައްދުގައި އުތުރު ކޮރެޔާގެ 10,000އެއްހާ ސިފައިން ރަޝިޔާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ. ނަމަވެސް, އެ ސަރަޙައްދަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ރަޝިޔާގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ޑީޕީއާރްކޭގެ ސިފައިން އަމަލީ ގޮތުން ބައިވެރިވަމުންދާ ކަން ޕެންޓެގަނަށް ވެސް ސާފެއް ނޫނެވެ.

އުތުރު ކޮރެޔާގެ ސިފައިން ރަޝިޔާގައި ތިބި ކަމުގައި ޔޫކްރެއިނުން ވެސް ވަނީ ތުހުމަތު ކޮށްފައެވެ. ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން ބުނީ, ޑީޕީއާރްކޭގެ 12,000އަށްވުރެ ގިނަ ސިފައިން ރަޝިޔާގައި ތިބި ކަމުގައެވެ. އަދި, އޭގެ ތެރޭގައި 500އެއްހާ އޮފިސަރުންނާއި ތިން ޖެނެރަލުން ހިމެނޭ ކަމުގައެވެ. ޑީޕީއާރްކޭގެ ސިފައިން ރަޝިޔާގެ ފަސް ސަރަޙައްދެއްގައި އަސްކަރީ ތަމްރީނުތައް ފުރިހަމަ ކުރަމުންދާ ކަމުގައި ވެސް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ.

ޑީޕީއާރްކޭން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމާއި, ސިފައިން ފޮނުވުމާ ގުޅިގެން ދެކުނު ކޮރެޔާއިން ވެސް މިހާރު ދަނީ ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވިސްނަމުންނެވެ. ދެކުނުގެ ޚާރިޖީ ވަޒީރު ޗޯ ތޭ-އުލް ވިދާޅުވީ, އެ ފަދަ ހުރިހާ ހާލަތެއް ދިރާސާ ކުރަމުންދާ ކަމަށާއި, އެ ކަމާ މެދު ވިސްނަމުންދާ ކަމުގައެވެ. ދެކުނު ކޮރެޔާއިން މިހާރު ވެސް ދަނީ, ހަތިޔާރު ނުހިމެނޭ ގޮތުން ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި މައިން ވަޅުލާފައިވާ ބިންތައް ސާފު ކުރަން ބޭނުން ކުރާނެ ސާމާނާއި އާލާތްތައް ހިމެނެއެވެ. އަނެއް ކޮޅުން، ރަޝިޔާއަށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން ބޭނުން ކުރާ ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއާއި ނޭޓޯއިންނެވެ.