ޚަބަރު

ކަދުރުގެ މައްސަލައިގަ ފިތުނަ ނުއުފައްދާ!


ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް، ސަޢޫދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެއްވި ކަދުރުގެ ހަދިޔާއާ ގުޅޭގޮތުން އޮޅުވާލައިގެން، ފިތުނަ އުފެދޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުން ގެންދާތީ، އެކަމާ ސަޢޫދީ ސަރުކާރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަޢޫދީ ސަރުކާރުން މިކަން ބަޔާންކުރައްވާފައިވަނީ، ސަޢޫދީ ރަސްގެފާނު ދެއްވި ކަދުރުގެ ހަދިޔާއާ ގުޅިގެން ދިވެހިންގެ މެދުގައި އޮޅުވާލައިގެން ފިތުނަ އުފެދޭގޮތަށް، ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީން ނެރުއްވި ބަޔާނެއްގައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ، ސަޢޫދީ ރަސްގެފާނުގެ ހަދިޔާއަކީ މުސްލިމް ދެޤައުމެއްގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ދެޤައުމުގެ ވެރިންގެ މެދުގައި އޮތް ގާތްގުޅުން ދައްކުވައިދޭ ރަމްޒެއްކަމަށެވެ. އަދި މިފަދަ މާތް މަޤްޞަދެއްގައި ހަދިޔާކުރި ރަމްޒީ ހަދިޔާއެއްގެ ކަންތަކުގައި، އެކަމުގެ މަޤްޞަދު ގެއްލޭގޮތަށް، އަދި އޮޅުވާލައިގެން ފިތުނަ އުފެދޭ ގޮތަށް ކަންކަން ކުރުމުން ދުރުހެލިވުމަށް އެމްބަސީން ވަނީ ގޮވާލައްވާފައެވެ.

tw:https://twitter.com/MDVForeign/status/743024017263579137

ސަޢޫދީ އެމްބަސީގެ ބަޔާނުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނިސްބަތްވެވަޑައިގަންނަވާ މަދަނީ ޖަމްޢިއްޔާއަކުން ސަޢޫދީ ރަސްގެފާނު ހަދިޔާކުރެއްވި ކަދުރު، ބެހުމުގެ ކަންކަން ކުރިޔަށްގެންދަވާތީ އެކަމާ ފަޚްރުވެރިވެވަޑައިގަންނަވާކަމަށެވެ.

މުޖުތަމަޢުގައި ތިބި ފަޤީރުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކައް އެހީތެރިވެދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ކަދުރު ބެހުމުގެ މަސައްކަތުގައި، އެކަމަނާގެ ފައުންޑޭޝަނުން ޙަރަކާތްތެރިވުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ބަޔާންކުރައްވާފައިވެއެވެ.

ހަމައެއާއެކު، އެކަމަނާ އިސްނަންގަވައިގެން ދިވެހި ރައްޔިތުންނަށް، ކަދުރު ބެއްސެވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެވަޑައިގަންނަވާތީ ޝުކުރު އަދާކުރައްވާފައިވެއެވެ. އެހެންކަމުން މިކަމުގައި ސުވާލު އުފެދޭ ގޮތަށް ކަންކަން ނުކުރުމަށް ސަޢޫދީ އެމްބަސީން ވަނީ ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.

ސަޢޫދީ ސަރުކާރުން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެއްސެވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އެގޮތުން މާލޭގައި ރައްޔިތުންނަށް، ކަދުރު ބެހުމުގެ ކަންކަން ކުރިޔަށްގެންދަވަނީ ހައުސިން މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން، އެމިނިސްޓްރީގެ ޢާއްމުން ޚިދްމަތްތަކާބެހޭ ބައިގައި ކޮންމެ ދުވަހަކު ހެދުނު 10:00 އަކުން 14:00 އަށެވެ. އަދި އަތޮޅުތެރޭގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިޔަށްގެންދަވަނީ ކައުންސިލްތަކުގެ ބެއްލެވުމުގެ ދަށުންނެވެ.