ކުޅިވަރު

މިއީ އިންގްލެންޑާއި ބޭލްގެ ކުރިމަތިލުމެއްނޫން - ރޫނީ


މިއީ ބޭލްއާއި ދެކޮޅަށް ކުޅޭ މެޗެއް ނޫންކަމަށާއި، މިއީ އިންގްލެންޑާއި ވޭލްސް ވާދަކުރާ މެޗެއްކަމަށް އިންގްލެންޑްގެ ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިއަދު ވޭލްސްއާއި ދެކޮޅަށް ކުޅެން ޖެހޭ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރޫނީ ބުނީ ބޭލްއަކީ މޮޅު ކުޅުންތެރިއެއް ނަމަވެސް ވޭލްސްގައި ހުރީ ހަމައެކަނި ބޭލް ނޫންކަމަށެވެ. ވޭލްސްގައި ހުނަރުވެރި އިތުރު ކުޅުންތެރިންވެސް އެބަތިބިކަމަށާއި ކާމިޔާބު ލިބޭނީ އެކުޅުންތެރިންވެސް ހުއްޓުވައިގެންކަމަށް ރޫނީ ބުންޏެވެ. ރޫނީ ބުނީ ވޭލްސްއާއި ދެކޮޅަށް ނިކުންނަނީ ވަކި ޚާއްޞަ ގޮތަކަށް ނޫންކަމަށާއި ބޭނުންވަނީ ތިން ޕޮއިންޓްކަމަށެވެ. 

" ހަމަ ޔަޤީނުންވެސް މިއީ ވަރަށް މުޙިއްމު މެޗެއް. މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުޙިއްމު. ބޭލްއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު ވޭލްސްގައި މޮޅު ވަރަށްގިނަ ކުޅުންތެރިން އެބަތިބި. މިއީ އިންގްލެންޑާއި ބޭލްގެ ކުރިމަތިލުމެއް ނޫން. މިއީ އިންގްލެންޑާއި ވޭލްސްގެ ކުރިމަތިލުމެއް. ވޭލްސް އަތުން މޮޅުވާން ބޭނުންނަމަ އެޓީމްގައި ތިބި މޮޅު ބައެއް ކުޅުންތެރިން ހުއްޓުވަންޖެހޭ. " ރޫނީ ބުންޏެވެ.

ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ބުނީ އިންގްލެންޑާއި ދެކޮޅަށް ވޭލްސް ކުޅޭ މެޗަކީ އެންމެންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ މެޗެއްކަމަށެވެ. ކޯޗު ބުނީ މުބާރާތުގެ ކުރިންވެސް އޭނާ ބުނިގޮތަށް މިމެޗަށް ސަމާލުކަން ހުއްޓޭ މީހުން ގިނަ ކަމަށާއި، ނަމަވެސް އޭނާއަށް މުޙިންމީ އިންގްލެންޑާއި ދެކޮޅަށް ކުޅުން ނޫންކަމަށެވެ. އޭނާއަށް މުޙިންމީ ކުރިއަށް އޮތް މެޗުކަމަށާއި، ދެވަނަ ބުރަށް ދިއުންކަމަށް ކޯޗު ބުންޏެވެ. ޓީމް އޮތީ ރަނގަޅު ހާލަތުގައިކަމަށް އޭނާ ބުންޏެވެ. ޓީމްގެ އެންމެ މުޙިންމު ކުޅުންތެރިޔާ ގެރެތް ބޭލްއާއި ގުޅޭގޮތުން ކޯޗު ބުނީ ބޭލްގެ ފަރާތުން އިތުރު ކަންތައްތަކެއް ފެންނަން ޖެހޭކަމަށާއި، ފެންނާނެކަމަށެވެ. މިދިޔަ ދެ އަހަރު ބޭލް ވަރަށްބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށްވެސް ކޯޗު ބުންޏެވެ.

އިންގްލެންޑާއި ވޭލްސް ވާދަކުރާ މެޗު ފަށާނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރުއެވެ. ޔޫރޯދަ ދެހާސް ސޯޅަ ޕްރީ ޝޯވ ފަހެއް ޖަހާއިރު ފަށާނެއެވެ. ޝޯވއާއި މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.