ޚަބަރު

ޔުނައިޓެޑުގެ ދާއިމީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުން: ނިސްޓެލްރޫއީ


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ދާއިމީ ކޯޗެއްގެ މަގާމު ކުރިއަށް އޮތްތަނުގައި އަދާކުރުމަކީ ބޭނުންވާ ކަމެއް ކަމުގައި އެ ޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައި މިހާރު ކުރި ރޫޑް ވެންނިސްޓެލްރޫއީ ބުނެފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ހުރި އެރިކް ޓެންހާގް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަގާމުން ވަކިކުރުމާއިއެކު ވަގުތީ ގޮތުން އެ ޓީމުގެ ކޯޗުގެ ޒިންމާ އަދާ ކުރަމުންދާ ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން އެ ޓީމު މިހާތަނަށް ތިން މެޗުނ ކުޅެފައިވާއިރު ދެ މެޗުންވަނީ މޮޅުވެ އެއް މެޗު އެއްވަރުކޮށްފަ އެވެ.

ނެދަރލޭންޑްސްގެ ޕީއެސްވީ އެއިދޯވެންގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް އެ ޓީމަށް ކާމިޔާބީ ހޯދައިދީފައިވާ ނިސްޓެލްރޫއީ ބުނެފައިވަނީ އޭނާ އަބަދުވެސް މެންޗެސްޓަރ ޔުނައިޓެޑަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށާއި އެ ކްލަބުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން އެއްބަސްވީވެސް އެ ސަބަބަށްޓަކައި ކަމަށެވެ.

2026 ވަނަ އަހަރުގެ ނިޔަލަށް މެންޗެސްޓަރ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިސްޓެލްރޫއީ އާއިއެކު އެ ކްލަބުން އެއްބަސްވެފައިވައިރު, ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑްގެ ދާއިމީ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވާ ޕޯޗުގަލްގެ އަމޮރިމް އައުމާއިއެކު ވާނެ ގޮތަކާއިމެދު ސުވާލު އުފެދެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އަމޮރިމް އާއި އެ ކްލަބާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަމޮރިމް ބޭނުންވާ ފަސް މީހަކު އޭނާއާއިއެކު އެ ކްލަބަށް ގެނެވޭނެ އެވެ.

ނިސްޓެލްރޫއީ ބުނެފައިވަނީ އޭނާގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ރަގަޅު ހާލަތެއްގައި ޓީމު އޮވެ އަމޮރިމް އާއި ޓީމު ހަވާލުކުރުން ކަމަށެވެ. އަދި ފާއިތުވެދިޔަ މަދު ދުވަސްތަކުގައި އެ ޓީމުން ނެރެފައިވާ ނަތީޖާތަކާއިމެދު ހިތްހަމަޖެހޭ ކަމަށާއި މާދަމާ ލީގުގައި ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދަން ބޭނުންވާ ކަމަށްވެސް ނިސްޓެލްރޫއީ ވަނީ ބުނެފަ އެވެ.