ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް ޔަހޫދީންނަށް އަންގަވައި, ބާރުއަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ, ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިިޔާބު ކުރައްވައި, އެމެރިކާގެ 47ވަނަ ރައީސް ކަމުގެ މަޤާމު ޓްރަމްޕް ކަށަވަރު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. އެ ޢުދުވާން ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ވަނީ ޒަޔަނިސްޓުންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. އަދި, ޙިޒްބުاللهގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި ޔަހޫދީ ފައުޖުން ލުބްނާންގެ ރަށްތަކާއި ޢާންމުންގެ ގެދޮރަށް ބޮން އަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެއަށްފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ލުބްނާންގެ ދެކުނުގެ ރަށްތަކަށް ބަރުހަތިޔާރާ އެކު އެއްގަމު މަގުން އަރައިގަނެ, ޤަތުލުޢާންމުތައް އިތުރުކޮށް ފުޅާކޮށްފައެވެ.
އުރްދުޣާން ވިދާޅުވީ, މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން އެޅިދާނެ އެއް ފިޔަވަޅަކީ, ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓައިލުން ކަމުގައެވެ. ޣައްޒާއާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދަނީ, ޣައްޒާއާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ބޭނުންވާނެ ހުރިހާ ހަތިޔާރެއް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ.
"ހަމަނުޖެހުންތައް ހުއްޓުވުމަކީ ޓްރަމްޕްގެ ވަޢުދެއް. އަޅުގަނޑުމެން ބޭނުމީ, ޓްރަމްޕްގެ އެ ވަޢުދުތައް ފުއްދެވުން އަދި އިސްރާއީލްގެ [ޔަހޫދީންގެ ޖަރީމާތައް] ހުއްޓުވުން. ފަަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް [ޔަހޫދީން] ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވޭނެ އެއް ގޮތަކީ, އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް ޓްރަމްޕް ހުރަސް އެޅުއްވުން،" އުރްދުޣާން ވިދާޅުވިއެވެ. ޓްރަމްޕްގެ ވެރިކަމުގައި މެދުއިރުމަތީގެ ސިޔާސީ އަދި އަސްކަރީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވެސް އުރްދުޣާން ވިދާޅުވިއެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވަމުން ގެންދަވާ, އަދި އެ ކަން އެންމެ ހަރުއަޑުން ކުށްވެރި ކުރައްވަމުން ގެންދަވާ އެއް ލީޑަރަކީ އުރްދުޣާނެވެ. އެ ޢުދުވާނާ ގުޅިގެން ޔަހޫދީންނަށް ދަތި ކުރުމުގެ ގޮތުން އުރްދުޣާން ވަނީ އިސްރާއީލާއި ތުރުކީވިލާތާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ވެސް ހުއްޓައިލައްވާފައެވެ. އަދި, ޔަހޫދީންގެ ޤަތުލުޢާންމުތަކާ ގުޅޭ ގޮތުން ދުނިޔޭގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޔަހޫދީންނާ ދެކޮޅަށް ވަކާލާތު ކުރުމަށް ތަދައްޚުލްވުމަށް ހުށަހަޅާފައެވެ.
ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ އެ ސަހަރުގެ އުތުރުގެ ރަށްތަކަށެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 39އަށް އުފުލިފައިވާ ކަމުގައެވެ. އަދި, އިތުރު 123 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. މީގެ އިތުރުން, ލުބްނާންގެ ދެކުނުގެ ރަށްތަކަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި 52 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,508އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,684 މީހުން ޒަޚަމު ކޮށްލާފައެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,102އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 13,819އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.