ޚަބަރު

ޣައްޒާ ޝަހީދުންގެ ތެރެއިން %70އަކީ އަންހެނުންނާއި ކުޑަކުދިން: އދ


މީގެ 13 މަސް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދަ ކުރަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން %70އަކީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަން އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރުގެ އޮފީސް (އޯއެޗްސީއެޗްއާރު)ން ހާމަކޮށްފިއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު އެތަކެއް ހާހަކަށް އުފުލިފައިވާއިރު, ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިކޮށް, މަގުމަތި ކޮށްލާފައެވެ. އަދި, ކާބޯތަކެތިން މަހުރޫމުކޮށް, ހައިހޫނުގައި ޖައްސާފައެވެ.

އޯއެޗްސީއެޗްއާރުން ބުނީ, 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ހިސާބުތައް އެ އޮފީހުން ކަށަވަރު ކޮށްފައިވާނެ ކަމުގައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު, ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 43,000އަށްވުރެ މައްޗަށް އަރައެވެ. ނަމަވެސް, އޯއެޗްސީއެޗްއާރުން ބުނީ, ޢުދުވާނުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ ކަން އެ އޮފީހަށް ކަށަވަރު ކުރެވޭ އަދަދަކީ 8,119 ކަމުގައެވެ.

ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ބޮޑު އިންސައްތައަކީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވެސް ވަނީ ހާމަކޮށްފައެވެ. އޯއެޗްސީއެޗްއާރުން މި ވަނީ, އެ ކަމަށް ބާރުދޭ އިތުރު ހެކިތައް ހާމަކޮށްފައެވެ.

އެ އޮފީހުން ބުނީ, ޔަހޫދީންގެ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ %70އަކީ އަންހެނުންނާއި ކުޑަކުދިން ކަމުގައެވެ. މިއީ, އިންތިހާއަށް ކަންބޮޑުވުން އޮތް ތަފާސްހިސާބެއްގެ ގޮތުގައި ސިފަކޮށް އޯއެޗްސީއެޗްއާރުން ވަނީ, ޣައްޒާގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ރާވައިގެން ދެމުންދާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި, އެއީ އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޢުދުވާނީ ޙަމަލާތަކެއް ކަމަށް ބުނެފައެވެ.

"ބައިނަލްއަޤުވާމީ ޤާނޫތަކާ ޚިލާފަށް [ޔަހޫދީން] ހިންގަމުންދާ ކުށްތަކާ މެދު ފިޔަވަޅު އެޅުމުގެ މުހިންމުކަން ބޮޑު, އަދި މިނިވަން ޝަރުޢީ އިދާރާތަކުން މި ތުހުމަތުތަކުގެ ފުރިހަމަ އަދި އިންސާފުވެރި ތަޙުޤީޤެއް ހިންގަން ޖެހޭ, އެ ކަން ކުރެވެން ދެން, [ޔަހޫދީންގެ] ކުށްތަކާ ގުޅޭ އިތުރު މަޢުލޫމާތު އެއްކޮށް, މިހާތަނަށް އެއްކޮށްފައިވާ މަޢުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓަން ޖެހޭ،" އޯއެޗްސީއެޗްއާރުގެ ވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވިއެވެ. އޭނާގެ ތުހުމަތުތަކަށް ޔަހޫދީން ރައްދު ދީފައެއް ނެތެވެ.

އޯއެޗްސީއެޗްއާރުން ބުނީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ އެންމެ ހަގު ކުއްޖާގެ ފުރާނަ ނަގައިލާފައި ވަނީ އެ ކުއްޖާ އުފަންވިތާ 24 ގަޑިއިރު ނުވަނީސް ކަމުގައެވެ. އަދި, ޝަހީދުންގެ ތެރޭގައި ހިމެނޭ އެންމެ ދޮށީ މީހަކީ އުމުރުން 97 އަހަރުގެ އަންހެނެއް ކަމުގައެވެ.

13 މަހަށް ދިގުދަންމައިލާފައިވާ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން %44އަކީ ކޫޑަކުދިން ކަމަށާއި, ޝަހީދު ކޮށްލާފައިވާ އެންމެ ގިނަ އަދަދެއްގެ ކުޑަކުދިންނަކީ އުމުރުން ފަސް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިން ކަން ވެސް ތުރްކުގެ އޮފީހުން ހާމަކުރިއެވެ. ދެވަނައަށް އެންމެ ގިނައިން ޝަހީދު ކޮށްލާފައި ވަނީ އުމުރުން 10 އަހަރާއި 14 އަހަރުގެ ކުދިންނެވެ. އުމުރުން ހަތަރު އަހަރަށް ވުރެ ހަގު ގިނަ އަދަދެއްގެ ކުދިން ވެސް ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގެ ޝިކާރައަކަށްވެ, ޝަހީދުވެފައިވާ ކަން އޯއެޗްސީއެޗްއާރުން ހާމަކުރިއެވެ.

ތުކްރުގެ އޮފީހުން ބުނީ, ޣައްޒާއަށް ދީފައިވާ %88 ޙަމަލާގައި, ކޮންމެ ޙަމަލާއެއްގައި ވެސް ފަހަކަށް ވުރެ ގިނަ މީހުން އެއް ފަހަރާ ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. މިއީ, ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކުރަމުންދާ ކަމުގެ ހެއްކެކެވެ. ޣައްޒާގެ އިތުރުން ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. މުސްލިމުން ޝަހީދު ކުރަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރަކީ އެމެރިކާއިން މެދުކެނޑިނެއް ނެތި ފޯރުކޮށްދެމުންދާ ތަކެއްޗެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,469އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,561 މީހުން ޒަޚަމު ކޮށްލާފައެވެ.