ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ޑޮނަލްޑް ޓްރަމްޕަށް ތަޢުރީފު ކުރައްވައި, ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން މަރުޙަބާ ދަންނަވައިފިއެވެ. އިންތިޚާބުގައި ޓްރަމްޕް ކުރި ހޯއްދަވާފައި ވަނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
އެމެރިކާގައި ބޭއްވި ވާދަވެރި އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ޓްރަމްޕަށް ތަޢުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ, އަވަހާރަ ކޮށްލަން ދިން ޙަމަލާއަށް ފަހު ޓްރަމްޕް ދައްކަވާފައި ވަނީ ހިތްވަރުގަދަ ކަމުގެ މިސާލެއް ކަމުގައެވެ. އަދި, މޮސްކޯއިން އެމެރިކާގެ އިންތިޚާބީ-ރައީސާ އެކު މަޝްވަރާތައް ބާއްވަން ތައްޔާރަށް އޮތް ކަމުގައެވެ. ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑިޖަހައި ޙަމަލާ ދީފައި ވަނީ ޕެންސިލްވޭނިޔާގެ ބަޓްލަރގައި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށެވެ. އެ ޙަމަލާގައި އޭނާއަށް ކުޑަ އަނިޔާއެއް ލިބިވަޑައިގަތެވެ.
"އަޅުގަނޑުގެ ނަޒަރުގައި އޭނާ އަމަލު ކުރައްވާފައި ވަނީ އެންމެ ހެޔޮކޮށް, ހިތްވަރުގަދަ ކަމާ އެކު, ޙަޤީޤީ ފިރިހެނެއްގެ ގޮތުގައި. މި ފުރުޞަތުގައި އަޅުގަނޑު އިންތިޚާބުގައި އޭނާ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވަން،" ޕުޓިން ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ރިޔާސީ ކެމްޕޭންގެ ތެރެއިން ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅުތަކަށް ވެސް ޕުޓިން އިޝާރާތް ކުރެއްވިއެވެ. އޭނާ ވިދާޅުވީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އިތުރުން ރަޝިޔާއާ އެކު ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅުތަކަށް އިސްކަން ދޭންޖެހޭ ކަމުގައެވެ. "އަޅުގަނޑު ދެކޭ ގޮތުގައި, ރަޝިޔާއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކޮށް, ޔޫކްރެއިންގެ ކާރިސާއަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން އޭނާ [ޓްރަމްޕް] ދައްކަވާފައިވާ ވާހަކަފުޅުތަކަށް އަހަންމިއްޔަތުކަން ދޭންޖެހޭ،" އޭނާ ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ, ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާތާ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެސް, ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ފަށާފައިވާ އެންމެ ބޮޑު ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ގޮތް ޓްރަމްޕް ސާފުކޮށްދެއްވާފައެއް ނުވެއެވެ. "ދެން ވާނެ ގޮތް ދަންނަވަން އަޅުގަނޑަކަށް ނޭނގޭ. އެއްވެސް ވަރަކަށް ނޭނގޭ،" އެ ކަމާ ގުޅޭ ގޮތުން 72 އަހަރުގެ ޕުޓިން ވިދާޅުވިއެވެ.
ބައްދަލު ކުރައްވަން އެދިވަޑައިގެން ޓްރަމްޕް ހުށަހަޅުއްވައިފި ނަމަ އަމަލު ކުރައްވާނެ ގޮތަކާ މެދު ޕުޓިންއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ, ޓްރަމްޕްގެ ސަރުކާރާ އެކު ގުޅުން ބާއްވަން ފެށުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމުގައެވެ. އަދި, ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ވެސް ތައްޔާރު ކަމުގައެވެ. ޓްރަމްޕަކީ ރަޝިޔާގެ ބާރާއި ނުފޫޒު ހިނގާ އޭޖެންޓެއް ކަމުގައި ހުޅަނގުގެ ބައެއް މީޑިޔާތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް, ޓްރަމްޕް އަދި ރަޝިޔާއިން ވެސް ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.
2016ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ޓްރަމްޕްގެ ކެމްޕޭނާއި ރަޝިޔާގެ ސަރުކާރާ ދެމެދު ގާތް ގުޅުންތަކެއް ބާއްވަމުން ދިޔަ ކަމުގެ ތުހުމަތު ކުރެވުނެވެ. އަދި, އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ އެ ކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގާފައެވެ. ނަމަވެސް, ޓްރަމްޕްގެ ކެމްޕޭނާއި ރަޝިޔާއާ އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެއްކެއް ހޯދިފައެއް ނުވެއެވެ. މި އަހަރުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން ރަޝިޔާއިން މަސައްކަތް ކުރަމުން ދިޔަ ކަމުގައި ވެސް އެމެރިކާއިން ތުހުމަތު ކުރިއެވެ. ނަމަވެސް, މޮސްކޯއިން ވަނީ އެ ތުހުމަތުތައް ވެސް ދޮގު ކޮށްފައެވެ.
ރަޝިޔާ އަދި ހުޅަނގުގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމުގައެވެ. ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިން ދަނީ ޔޫކްރެއިންގެ އިތުރު ބިންތަކަށް ވެރިވެގަންނަމުންނެވެ. އަދި, ހަނގުރާމައިގެ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.
ނަމަވެސް, ޕުޓިން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ޔޫކްރެއިނާ އެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަން އެތަކެއް ފަހަރަކު ހާމަ ކުރައްވާފައެވެ. މީގެ ދެ އަހަރާއި ހަ މަސް ކުރިން ފެށި ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ޝަރުޠުތަކެއް ވެސް ޕުޓިން ވަނީ ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި, ހުޅަނގުގެ ސަލާމަތީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމާއި, ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ބިންތަކަކީ އެ ޤައުމުގެ ބައެއްގެ ގޮތުގައި ބަލައިގަތުން ހިމެނެއެވެ. ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ ފައުޖުތަކުން ކުރަމުންދާ ހަނގުރާމައިގެ އެންމެ ބޮޑު މަދަދުގާރަކީ ރައީސް ޖޯ ބައިޑަންގެ ސަރުކާރެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.