ޚަބަރު

އިންޖީނު ހުއްޓުނު ކޮންޓަސްގެ މަތިންދާބޯޓެއް ރައްކާތެރިކަމާ އެކު ޖައްސައިފި


ވައިގެ ބަނދަރުން އުދުއްސައިލި ވަގުތު އެއް އިންޖީނަށް ގެއްލުންވެ, ހުއްޓުނު ކޮންޓަސް އެއަރވޭޒްގެ މަތިންދާބޯޓެއް ރައްކާތެރިކަމާ އެކު ޖައްސައިފިއެވެ. މަތިންދާބޯޓުގެ އެއް އިންޖީނަށް ގެއްލުންވެ, ހުއްޓިފައި ވަނީ އޮސްޓްރޭލިޔާގެ ސިޑްނީން ފުރައިގެން ބްރިސްބެނަށް ދަތުރު ކުރުމަށް މަތިންދާބޯޓު ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

އެ ވަގުތު މަތިންދާބޯޓުގައި ތިބި ފަސިންޖަރުން ބުނީ, ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މަތިންދާބޯޓުގެ އެއް އިންޖީނުން ބާރު އަޑުފަށްގަނޑެއް ގޮވި ކަމުގައެވެ. އަދި, އެއަށްފަހު މަތިންދާބޯޓަށް ބާރު ލޮޅުންތަކެއް އެރި ކަމުގައެވެ. "އެ ވަގުތު އިނގުނު މަތިންދާބޯޓުގެ އެއް އިންޖީނަށް ގޮތެއް ވެގެން އުޅޭ ކަން, ދެން ވައިގެ ބަނދަރުން އުދުއްސައިގަނެ މައްޗަށް ދަތުރު ކުރަން އުނދަގޫތަކެއް ކުރިމަތިވި ކަން އިޙުސާސް ކުރެވުނު،" އެ ވަގުތު މަތިންދާބޯޓުގައި އިން އޭބީސީ ނޫހުގެ ނޫސްވެރިއެއް ކަމުގައިވާ މާކް ވިލެސީ ބުންޏެވެ.

އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަތިންދާބޯޓު ވަނީ އެނބުރި ސިޑްނީގެ ވައިގެ ބަނދަރުގައި ޖައްސާފައެވެ. ކޮންޓަސްގެ އިންޖިނޭރުން ބުނީ, މަތިންދާބޯޓުގެ އެއް އިންޖީނަށް ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް, މަތިންދާބޯޓުގެ ފިޔުސެލާޖް ނުވަތަ ފަސިންޖަރުން ތިބޭ ބަޔަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމުގައެވެ.

ސިޑްނީގެ ވައިގެ ބަނދަރުން ކޮންޓަސް އެއަރވޭޒްގެ ފްލައިޓް ކިޔުއެފް520 އުދުއްސައިލުމުގެ ކުރިން, އެ ވައިގެ ބަނދަރުގެ ރަންވޭއަކާ އިންވެގެން ގޮތް ވިނަ ދަނޑުގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައިވެއެވެ. ވައިގެ ބަނދަރުގެ އަލިފާން ނިއްވާ ޓީމުން ވަނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ އަލިފާންގަނޑު ނިއްވައިލާފައެވެ. "އެ ދެ ހާދިސާއާ އެއްވެސް ގުޅުމެއް އޮތް ކަން އަދި ސާފެއް ނޫން, ތަޙުޤީޤުތައް ދަނީ ކުރިއަށް،" ސިޑްނީ ވައިގެ ބަނދަރުން ބުންޏެވެ.

ކޮންޓާސުން ބުނީ, ފްލައިޓް ކިޔުއެފް520ގެ އިންޖީނަށް ގެއްލުންވާން މެދުވެރިބި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ. އެއީ, ބޯއިންގ 800-737 މަރުކާގެ މަތިންދާބޯޓެކެވެ. އެ މަތިންދާބޯޓުގައި އަޅާފައި ވަނީ ސީއެފްއެމް އިންޓަރނޭޝަނަލް ކުންފުނިން އުފައްދާފައިވާ ދެ އިންޖީނެވެ. ފަސިންޖަރުން އުފުލާ މި ފަދަ މަތިންދާބޯޓުތަކަކީ, އެއް އިންޖީނު ހުއްޓުނު ނަމަވެސް, އަނެއް އިންޖީނު މެދުވެރިކޮށް ދަތުރު ކުރިއަށް ގެންދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މަތިންދާބޯޓުތަކެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކޮންޓަސްގެ މަތިންދާބޯޓެއްގެ އިންޖީނު ހަލާކުވެ, ކުއްލި ހާލަތުގައި ޖައްސަން ޖެހިފައި މި ވަނީ, އޮސްޓްރޭލިޔާގެ އެކި ކަންކޮޅުތަކުގައިވާ މައި ބަނދަރުތަކުގައި ބޭނުން ކުރާ އިލެކްޓްރޯކް ނިޒާމުތަކަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެ, ޚިދުމަތްތަކަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައެވެ. ވައިގެ ބަނދަރުގައި ބޭނުން ކުރާ ފޭޝަލް ރިކޮގްނިޒަމް ނިޒާމަށް ކުރިމަތިވި ޓެކްނިކަލް މައްސަލައާ ގުޅިގެން ބޮޑެތި ލަސްތަކެއް ކުރިމަތިވެ, ގިނަ އަދަދެއްގެ ފަސިންރުން ޓަރމިނަލްތަކުގައި ތާށިވިއެވެ.