ޚަބަރު

ސުލްޙަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ ފުރުޞަތު ދޭނަން: ބައިޑަން


އެމެރިކާގެ އިންތިޚާބީ-ރައީސް, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އައު ސަރުކާރަށް ސުލްޙަވެރިކަމާ އެކު ވެރިކަން ހަވާލު ކުރައްވާނެ ކަމުގައި ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކުރި ހޯއްދަވާފައި ވަނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސްގެ މައްޗަށެވެ.

އިންތިޚާބަށް ފަހު ރިޔާސީ ގަނޑުވަރު, ވައިޓް ހައުސްގެ ރޯސް ގާޑްންގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ, މިއީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން އުފެދުނު ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް, އުފެދިފައިވާ ރުޅިވެރިކަމާއި ނަފުރަތު ދޫކޮށްލައި, ހަމަޖެހުމާއި ސުލްޙައަށް އިސްކަންދޭންވީ ވަގުތު ކަމުގައެވެ. "ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭނެ ގޮތެއް ނޯންނާނެ. ފަރުވާލަކާ ނުލައި ޤަބޫލުވުމަކީ މަޢާފު ކުރެވޭނެ ކަމެއް ނޫން. [އިންތިޚާބުގައި] ނާކާމިޔާބީ ލިބުމުގެ މާނައަކީ އަޅުގަނޑުމެން ނާކާމިޔާބުވުމެއް ނޫން،" ބައިޑަން ވިދާޅުވިއެވެ.

ނޮވެންބަރު 5ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ އިންތިޒާމުތަކަށް އިޝާރާތް ކުރައްވައި ބައިޑަން ވިދާޅުވީ, އެ ދުވަހު އިންތިޚާބީ ނިޒާމުގެ ނަޒާހަތްތެރިކަމާއި ފުރިހަމަކަން ސާބިތުވެގެން ދިޔަ ކަމުގައެވެ. އަދި, 2025 ޖަނަވަރީ 20ވަނަ ދުވަހު އިންތިޚާބީ-ރައީސް ޓްރަމްޕްގެ ސަރުކާރަށް ވެރިކަން ބަދަލު ކުރުމުގެ ކަންކަން ސުލްޙަވެރިކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ދެއްވާނެ ކަމުގައެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, 2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން, އިންތިޚާބުގެ ނަތީޖާ ބަދަލު ކުރުމަށް އޭނާ ކުރެއްވި މަސައްކަތްތަކަށެވެ.

މި އަހަރުގެ އިންތިޚާބުގައި ޓްރަމްޕަށް ކާމިޔާބީ ލިބިވަޑަައިގަތުމުން ބައިޑަން ވަނީ އޭނާއަށް މަރުޙަބާ ވިދާޅުވެ, ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ. 2020ވަނަ އަހަރުގެ އިންތިޚާބަށް ފަހު, ޓްރަމްޕް ބައިޑަނަށް އެ ފަދަ ދަޢުވަތެއް އަރުވާފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ބައިޑަންގެ ދަޢުވަތު ޤަބޫލު ކުރައްވައި ވައިޓް ހައުސަށް ޓްރަމްޕް ވަޑައިގަންނަވާނެ ކަން ޓްރަމްޕްގެ ކެމްޕޭނުން ހާމަކުރިއެވެ. ޓްރަމްޕް މި ވަގުތު ގެންދަވަނީ އޭނާގެ އައު ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އިންތިޚާބުގައި ހެރިސަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނު ސަބަބުތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ދަނީ އެކި ގޮތަށް ވާހަކަ ދައްކަމުންނެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި, އެ ކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ 81 އަހަރުގެ ބައިޑަނެވެ. އަދި, އަމިއްލަފުޅަށް ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް މަސައްކަތް ފެށްޓެވުމުގެ ބަދަލުގައި, ފުރަތަމަ ދުވަހު ވެސް ހެރިސަށް ޓިކެޓު އަރުވަން ނިންމެވި ނަމަ, ޓްރަމްޕަށް އިންތިޚާބުގައި ކާމިޔާބީ ހޯދަން ދަތިވީސް ކަމުގައި އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އެސޯސިއޭޓެޑް ޕްރެސުން އެންމެ ފަހުން ޝާއިޢު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު, ޓްރަމްޕް ވަނީ އިލެކްޓޯރަލް ކޮލެޖުގެ 295 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އަދި, 72.6 މިލިޔަން މީހުންގެ ތާޢީދު ހޯއްދަވާފައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުން ވަނީ އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓެވެ. ކަމާލާއަށް ކާމިޔާބު ކުރެއްވުނީ އިލެކްޓޯރަލް ކޮލެޖުގެ 226 ވޯޓެވެ. އަދި, 67.9 މިލިޔަން މީހުންގެ ތާޢީދެވެ.