ޔުއެފާ ނޭޝަންސް ލީގުގައި މި މަހު ފްރާންސް ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް އެކުލަވާލި ސްކޮޑުން ރެއާލް މެޑްރިޑުގެ ފޯވާޑް ކިލިއަން އެމްބާޕޭ އަނެއްކާވެސް ބާކީކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރ މަހު ކުޅުނު ދެ މެޗަށް ނެގި ސްކޮޑުން އޭރު އެމްބާޕޭ ބާކީ ކޮށްފައިވަނީ އަނިޔާއިން ރަގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައިނަމަވެސް އޭނާ އެއްކޮށް ފިޓްނުވާތީ އޭނާ އާއި ވާހަކަ ދެއްކުމަށްފަހުގައި ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޮމްޕްސް ވަނީ އޭރު ބުނެފަ އެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ އަށް މި މަހު އިޓަލީ އާއި އިޒްރޭލާއި ދެކޮޅަށް ކުޅޭ ދެ މެޗަށް ނެގި ސްކޮޑުން ފުރުސަތު ދީފައިނުވަނީ އޭނާ އާއި ވާހަކަ ދެއްކުމަށްފަހުގައި ކަމަށް މި ފަހަރުވެސް ޑިޝޮމްޕްސް ވަނީ ބުނެފަ އެވެ. އަދި އެއީ ހަމައެކަނި މި ދެ މެޗަށް ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ހިލޭ ޓްރާންސްފަރ އެއްގެ ދަށުން މިދިޔަ ހޫނު މޫސުމުގައި ސްޕެއިން ރެއާލް މެޑްރިޑަށް ކިލިއަން އެމްބާޕޭ ބަދަލުވި ފަހުން އޭނާގެ އަސްލު ކުޅުން ދެއްކޭގޮތް ވަނީ އަދި ނުވެފަ އެވެ. ރެއާލް މެޑްރިޑަށް މި ސީޒަނުގައި އެމްބާޕޭ ކުޅެދިން 15 މެޗުގައި އޭނާއަށް ޖެހިފައިވަނީ 8 ގޯލެވެ.
މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް އިން ވަނީ މި ސީޒަނުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ އިން 4-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު ދެ ޓީމުގެ ދެމެދުގައި 9 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
2018 ވަނަ އަހަރު ފްރާންސް އިން ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައިވެސް ހިމެނޭ އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން 86 މެޗުގައި މިހާތަނަށް 48 ގޯލު ޖަހާފަ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިޒްރޭލާއި ދެކޮޅަށް އަމިއްލަ ގައުމުގައި ފްރާންސް ކުޅުމަށްފަހު ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ގައުމުން ބޭރުގައި ކުޅޭނީ އިޓަލީ އާއި ދެކޮޅަށެވެ.