ޚަބަރު

ގަލަތަސަރާއީ އިން ޓޮޓްނަމް ބަލިކޮށްފި


ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ތުރުކީގެ ގަލަތަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން އިނގިރޭސިވިލާތުގެ ޓޮޓްނަމް ހޮޓްސްޕަރ ބަލިވެއްޖެއެވެ.

ގަލަތަސަރާއީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ގަލަތަސަރާއީގެ ޔޫނުސް އަކްގުން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ގަލަތަސަރާއީ އިން ލަނޑެއް ޖަހާ ލީޑު ނެގިތާ 12 މިނިޓު ފަހުން ޓޮޓްންހަމް ހޮޓްސްޕަރ ގެ ޒުވާން ފޯވަޑް ވިލް ލަންކްޝެއަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ޓޮޓްންހަމްގެ ސީނިއާ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

ނަމަވެސް މެޗުގެ 31 ވަނަ މިނިޓުގައި ގަލަތަސަރާއީގެ ވިކްޓަރ އޮސިމްހެން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފަށް ޓީމު ނިކުތްއިރު ޓޮޓްންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ ވަނީ އެ ޓީމުގެ ކެޕްޓަން ހިއުންމިން ސޮންގެ ބަދަލުގައި ކުލުސެވްސްކީ ކުޅެން އަރުވާފަ އެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައިވެސް ޕޮސްޓެކޮގްލޫ ވަނީ ސޮން ބަދަލުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފްގައި ޓޮޓްންހަމް އަށް އިތުރު މައްސަލަ ތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 60 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއިއެކު ވިލް ލަންކްޝެއަރ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

ޓޮޓްންހަމް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޮމިނިކް ސޮލާންކޭ އެވެ.

މި ނަތީޖާ އާއިއެކު ޔޫރޮޕާ ލީގުގައި ޓޮޓްންހަމް މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބިފައިވާ 9 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ. ގަލަތަސަރާއީ އަށް ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.