ބާރުގަދަ ތޫފާނެއް ކަމުގައިވާ ރަފައެލާ ގުޅިގެން ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ލިބި, ކިޔުބާގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. ކިޔުބާގެ ކަމާގުޅޭ އިދާރާތަކުން ބުނީ, ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ 10 މިލިޔަނެއްހާ ރައްޔިތުންނަށް އެ ޚިދުމަތް އަލުން ގުޅައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރ (އެންއެޗްސީ)ން ބުނީ, ތޫފާން ރަފައެލާ އެކު ކިޔުބާގެ ސަރަޙައްދުތަކަށް ގަޑިއަކު 185 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުން ދިޔަ ކަމުގައެވެ. ބާރު ވަޔާ އެކު އެ ޤައުމުގެ ގިނަ ރަށްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ގޮތުން, ޢާންމުންގެ ގެދޮރަށް ގެއްލުންވެ, ގަސްތައް ވެއްޓި, މުއާޞަލާތީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަސީލަތްތައް ވެސް ވަނީ ހަލާކުވެފައެވެ.
އެންއެޗްސީން ބުނީ, ތޫފާން ދަތުރު ކޮށްފައި ވަނީ ވެރިރަށް ހަވާނާގެ އުތުރާއި ހުޅަނގުން ގާތްގަނޑަކަށް 250 ކިލޯމީޓަރު ދުރުން ކަމުގައެވެ. އަދި, މިހާރު ތޫފާން އޮތީ ގަލްފް އޮކް މެކްސިކޯ ކަނޑުގެ ސަރަޙައްދުގައި ކަމުގައެވެ. މިއީ, ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކިޔުބާގެ ކަރަންޓު ވިއުގައަށް ތޫފާނެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ދެވަނަ ފަހަރެވެ. އޮކްޓޫބަރު މަހުގެ ތެރޭގައި ކިޔުބާގެ ސަރަޙައްދުތަކަށް ބާރުގަދަ ތޫފާން އޮސްކަރް އެރުމާ ގުޅިގެން ވެސް, އެ ޤައުމުގެ އިރުމަތީގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ހަވާނާގެ ބޮޑު ސަރަޙައްދަކުން ވެސް ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.
ކިޔުބާގެ ހަކަތައާއި މައިންކުރުމާ ބެހޭ ވުޒާރާއިން ބުނީ, ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ 10 މިލިޔަނެއްހާ މީހުންނަށް އެ ޚިދުމަތް އަލުން ގުޅައިދިނުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, ޚިދުމަތް ކެނޑިފައިވާ އެ ޤައުމުގެ ހުޅަނގުގެ ސަރަޙައްދުތަކަށް އަލުން ޚިދުމަަތް ގުޅައިދިނުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމުގައެވެ. ތޫފާން ރަފައެލާ ގުޅިގެން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ އެ ސަރަޙައްދުތަކަށެވެ.
ކިޔުބާއަކީ އިޤުތިޞާދީ ކާރިސާއަކާ ކުރިމަތިވެފައިވާ ޤައުމެކެވެ. އެ ޤައުމުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ, ރަޙުމަތްތެރި މަދު ޤައުމެއްގެ އެހީތެރިކަމާ އެކުގައެވެ. އޭގެ ތެރޭގައި ވެނެޒުއެލާ, ރަޝިޔާ އަދި މެކްސިކޯ ހިމެނެއެވެ. އެ ޤައުމުތަކުން ވެނެޒުއެލާއަށް ވިއްކާ ތެލުގެ މިންވަރު ދަށްވުމާ ގުޅިގެން ކަރަންޓުގެ ޚިދުމަތް ކެނޑުން މިއަދު ވަނީ ޢާންމުވެފައެވެ.
ތޫފާން ރަފައެލާ ގުޅިގެން ކިޔުބާގެ ބައެއް ރަށްތަކުގައި ފެންބޮޑުވިއެވެ. އޭގެ ތެރޭގައި ހަވާނާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އައްސޭރިފަށުގައިވާ ރަށްތަކަށެވެ. ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ހަވާނާގެ މައި ވައިގެ ބަނދަރު ވެސް މި ވަގުތު އޮތީ ބަންދު ކޮށްފައެވެ. ތޫފާނުގެ ސަބަބުން ގެއްލުންތައް ލިބިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އަރްތެމީސާ ވެސް ހިމެނެއެވެ. އެއީ, ދަނޑުވެރިކަން ކުރާ ސަރަޙައްދެކެވެ. ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގެ ދަނޑުބިންތައް ހަލާކުވުމާ އެކު, ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މިހާރު ވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކިޔުބާއަށް މި ވަނީ އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.