ޚަބަރު

ނާޒިމް މައްސަލައިގެ އަޑުއެހުންތައް ސުޕްރީމްކޯޓުގައި ފަށައިފި


ކުރީ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ އެގާރަ އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފް އެންމެފަހު މަރުޙަލާގެ އަޑުއެހުންތައް މިއަދު ފަށްޓަވައިފިއެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެ މުޙައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށް ލުމަށް ދަށުކޯޓުން ކުރެއްވި ޙުކުމަށް ހައިކޯޓުން ވަނީ ތާއިދުކުރައްވާފައެވެ. ހައިކޯޓްގެ ނިންމުން ސުޕްރީމުކޯޓްގައި އިސްތިޢުނާފްކުރުމުން އެ މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމުގައި ނާޒިމްގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން އެނާގެ ގާނޫނީ ވަކީލް ޙުސްނުއް ސުޢޫދު ވިދާޅުވީ ނާޒިމްގެ ގޭގައި ހަތިޔާރު ބެހެއްޓުމުގެ ފަހަތުގައި ތިއްބެވީ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރ ޙުސައިން ވަޙީދުކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ނާޒިމްގެ ގެ ބަލައި ފާސްކުރި ރޭ، އެ ގެ ހުންނަ މަގުގައި  ވާނުވާ ބެއްލެވުމަށް ކާރުގައި ޙުސައިން ވަޙީދާއި އަޙުމަދު އަދީބާއި އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުޙުސިން ތިއްބެވިކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

ނާޒިމް ދިރިއުޅުއްވާ ކޮޓަރީގައި ފިސްތޯލައަކާއި ތިން ވަޒަން ބާއްވާފައިވަނީ އެ ކޮޓަރި ބަލައި ފާސްކުރަން ވަން ފުލުހެއްކަން މިހާރު އެނގިފައިވާކަމަށް ސޫދް ތުހުމަތުކުރެއްވިއެވެ. އަދި އެރޭ އެތަނުގައި ޙަރަކާތްތެރިވި ބައެއް ފުލުހުން، އެކަން ސާބިތުކުރުމަށް ކޯޓަށް ޙާޟިރުކޮށްދެއްވުމަށް ނާޒިމްގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވެއެވެ.

ނާޒިމްގެ ކޮޓަރީގައި ފިސްތޯލް ބާއްވާފައިވަނީ ރޭވުމެއްގެ ތެރެއިންކަން ސާބިތުކޮށްދިނުމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރާއި ކުރީގެ  ނާއިބް ރައީސް އަޙުމަދު އަދީބާއި ކުރީގެ ސިޕީ ޙުސައިން ވަޙީދު ހެކިންގެ ގޮތުގައި ޙާޟިރުކޮށްދެއްވުމަށްވެސް ނާޒިމްގެ ފަރާތްޕުޅުން މިއަދު ސުޕްރީމްކޯޓްގައި އެދިވަޑައިގެންފައިވެއެވެ. އަދި ނާޒިމް ދިރިއުޅުއްވާ އެޕާރޓްމަންޓް ބަލައި ފާސްކުރުމުގެ އަމުރު ފުލުހުން ހޯދާފައިވަނީ ކޯޓުގެ ޤާޒީއަށް އޮޅުވާލައިގެން ކަމަށް ބުނެ، އެކަން ސާބިތުކޮށްދިނުމަށް ކުރިމިނަލްކޯޓްގެ ކުރީގެ އިސްޤާޒީ ޢަބްދުﷲ މުޙައްމަދުވެސް ހެއްކެއްގެ ގޮތުގައި ނާޒިމްގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވެއެވެ.

ދިފާޢުގައި ނާޒިމްގެ ފަރާތްޕުޅުން އަށް ނުކުތާއެއް މިއަދު ސުޕްރީމްކޯޓަށް ހުށައަޅުއްވާފައިވެއެވެ. މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމަވާލެއްވީ މައްސަލައަށް ޖަވާބުދާރިވެވަޑައިގަތުމަށް ދައުލަތަށް  ފުރުޞަތުދެއްވުމުގެ ގޮތުން ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވަވާނެކަން އިޢުލާންކުރެއްވުމަށްފަހުއެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމުކޯޓްގެ  ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.