މަތީ ތަޢުލީމަށް އިންޑިޔާ ސަރުކާރުން ފަންޑުކޮށްގެން ކުރިއަށްގެންދާ އައިސީސީއާރު ސްކޮލަރޝިޕް ލިބުނު ރާއްޖޭގެ 27 ދަރިވަރުންގެ ތެރެއިން 20 ދަރިވަރަކަށް މިއަދު އެވޯޑް ޙަވާލުކޮށްފިއެވެ.
އިންޑިއަން ހައިކޮމިޝަަނަރ އަކިލޭޝް މިޝްރާ މިއަދު ވަނީ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
އިންޑިއަން ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސްގެ ދަށުން ދެމުންދާ ސްކޮލަރޝިޕްގެ ފުރުސަތުތަކުގެ ދަށުން ރާއްޖެއަށް ކޮންމެ އަހަރު 39 ޖާގަ އިންޑިޔާ ސަރުކާރުން ކަނޑައަޅައެވެ. ހުރިހާ ޚަރަދެއް އިންޑިޔާ ސަރުކާރުން ކުރާގޮތަށް ހަމަޖެހިފައިވާ މިކޯސްތަކުގެ ތެރޭގައި އަންޑަރގްރެޖުއޭޓް ކޯސްތަކާއި، ޕޯސްޓްގްރެޖުއޭޓް ކޯސްތަކާއި މާސްޓަރސް އަދި ޕީއެޗްޑީ ކޯސްތައް ހިމެނެއެވެ. މިގޮތުން މިއަހަރު ސްކޮލަރޝިޕް ފުރުސަތު ރާއްޖޭގެ 27 ދަރިވަރަކަށް ވަނީ ލިބިފައެވެ. އެކި ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބިފައިވާ މިދަރިވަރުން ކިޔަވަމުންދާނީ ދިއްލީ ޔުނިވަރސިޓީ އަދި ހައިދަރްއާބާދްގެ އޮސްމޭނިއާ ޔުނިވަރސިޓީގައިކަމަށް އިންޑިޔަން ހައިކޮމިޝަނުން ވިދާޅުވެއެވެ.
އިންޑިޔަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަުން އިންޑިޔަން ހައިކޮމިޝަނަރ އަކިލޭޝް މިޝްރާ ވަނީ މަތީ ތަޢުލީމަށް ލިބުނު ފުރުޞަތުގެ ބޭނުން ރަަނގަޅުގޮތުގައި ހިފުމަށް ގޮވާލައްވާފައެވެ. އަދި ކޯސް ފުރިހަމަކުރުމަށްފަހު، ލިބުނު ޢިލްމާއި ހުނަރާއެކު ޤައުމަށް ތަރައްޤީކުރުމަށް ހައިކޮމިޝަނަރ ގޮވާލެއްވިއެވެ. އައިސީސީއާރު ސްކޮލަރޝިޕް މިއަދު ޙަވާލުކުރެވުނު 20 ދަރިވަރުން މިމަހުގެ 28 ވަނަ ދުވަހު އިންޑިޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. ބާކީތިބި 7 ދަރިވަރުން އަންނަ މަހުގެ ތެރޭގައި ފުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.
އައިސީސީއާރު ސްކޮލަރޝިޕްގެ ތެރެއިން 24 ސްކީމެއްގެ ދަށުން އަހަރެއްގެ ތެރޭގައި ތިންހާސް ހަތަރުސަތޭކަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައެވެ. މިގޮތުން އިންޑިޔާގައި ދުނިޔޭގެ 135 ޤައުމަކުން ފަސްހާހަށްވުރެން ގިނަ ދަރިވަރުން އައިސީސީއާރު ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދެއެވެ.