ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް އަތުން 0-1 އިން އިންޓަރ މިލާން މޮޅުވެއްޖެއެވެ.
މިއީ މި ފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އިންޓަ އިން ބައިކޮޅަށް ލަނޑެއްވަނަނުދީ ނިންމާލި ހަތަރުވަނަ ފަހަރެވެ. އަނެއްކޮޅުން، އެ ޓީމު ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ބަލިވެފައެއްނުވެއެވެ. ރޭގެ މޮޅާއެކު އިންޓަ ވަނީ ލީގު ފޭސް ބުރުގެ ޕޮއިންޓް ތާވަލްގެ ފަސްވަނަ އަށް ޖެހިލައިފައެވެ.
ސެން ސީރޯގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އިންޓަ އަށް ކާމިޔާބުކޮށްދިނީ ތުރުކީގެ މިޑްފީލްޑަރު، ހަކާން ޗައަނޮގްލޫ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އާސެނަލްގެ ސްޕެއިން މިޑްފީލްޑަރު، މިކޭލް މެރީނޯ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ވައްދާލައި، ޗައަނޮގްލޫ ވަނީ އިންޓަ އަށް ބަދަލުވި ފަހުން މިހާތަނަށް ހުރިހާ މުބާރާތެއް ހިމެނޭގޮތަށް ފޮނުވާލި 19 ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.
އިންޓަ އިން ލީޑްނެގުމުގެ ކުރީން، މެޗުގެ ކުރީކޮޅު އެ ޓީމުގެ ނެދަލެންޑްސް ވިންގްބެކް، ޑެންޒެލް ޑަމްފްރީސް ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.
އާސެނަލަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކައި ހަވާޓްޒް ފޮނުވާލި ބޯޅަ އިންޓަގެ ގޯލްކީޕަރު، ޔަން ސޮމާ ވަނީ މަތަކޮށްފައެވެ. އޭގެފަހުން، ކޯނަރެއްގައި އާސެނަލްގެ ކުޅުންތެރިން ފޮނުވާލި ބޯޅައެއް އިންޓަގެ ޑަމްފްރީސް ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
ރޭގެ މެޗުގެ ފަހުބައިގައި އާސެނަލްގެ ހަވާޓްޒް އަށް އަނިޔާވުމުން ކޯޗު، މިކޭލް އާޓޭޓާ ވަނީ މިދިޔަ ދެ މަހެއްހާ ދުވަހު އަނިޔާގެ ސަބަބުން ނުކުޅެވުނު އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް ކުޅެން ނެރެފައެވެ. އެ ޓީމުން ރޭގެ މެޗަށް ނިކުތްއިރު ވެސް އިނގިރޭސި މިޑްފީލްޑަރު، ޑެކްލަން ރައިސް އަނިޔާގެ ސަބަބުން ނުކުޅެއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފްރާންސްގެ ބްރެސްޓުން ވަނީ ރަށުން ބޭރުގައި 2-1 އިން ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގް ބަލިކޮށްފައެވެ. ޖަރުމަނުގެ ވީއޭފްބީ ސްޓުޓްގާޓްގެ ދަނޑުގައި އެ ޓީމު ވަނީ 0-2 އިން އިޓަލީގެ އެޓަލާންޓާ އަތުން ބަލިވެފައެވެ. ފެޔަނޫޑްގެ ދަނޑުގައި 1-3 އިން ވަނީ ސަލްޒްބާގް މޮޅުވެފައެވެ.