ޚަބަރު

ސުލްޙައިގެ މަޝްވަރާ ފެށޭނީ ޔަހޫދީންގެ ޢުދުވާން ހުއްޓައިލުމުން: ޤާސިމް


ޔަހޫދީންނާއެކު ސުލްޙައިގެ މަޝްވަރާތައް ފެށޭނީ ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލުމުން ކަމުގައި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ޝައިޚް ނަޢީމް ޤާސިމް ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކުރައްވާފައި ވަނީ, ޓީވީ މެދުވެރިކޮށް ލުބްނާންގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. ޙިޒްބުاللهން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ފެށި ލާއިންސާނީ ޢުދުވާންތަކާ ގުޅިގެންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި މުޖާހިދުންގެ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ.

އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ރަށްތަކަށްވެސް ބޮން އަޅަން ފަށާފައެވެ. ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުން ގޮސްފައި ވަނީ ވެރިރަށް ބައިރޫތުގެ އިތުރުން ދެކުނުގައި އޮތް ސަރަޙައްދުތަކާއި އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އެއަށްފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ބަރުހަތިޔާރާ އެކު އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ.

ޤާސިމް ވިދާޅުވީ, މިއަދުގެ ހާލަތަށް ބަލާއިރު, ޔަހޫދީންނާ ދެކޮޅަށް ޖިހާދު ކުރުން ނޫން އިތުރު ގޮތެއް ޙިޒްބުاللهށް ނެތް ކަމުގައެވެ. އަދި, މައްސަލަތަކަށް ސިޔާސީ ޙައްލުތަކެއް ހޯދޭނެ ކަމުގެ އުންމީދެއް ނެތް ކަމުގައެވެ. "އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން, އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ ހަމައެކަނި ކަމަކީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވޭނެ އޮތް ހަމައެކަނި މަގަކީ ޖިހާދު ކުރުން ކަން،" އޭނާ ވިދާޅުވިއެވެ. ޙިޒްބުاللهގެ އެންމެ އިސް އޮފިޝަލުގެ މަޤާމަށް ޤާސިމް ޢައްޔަން ކޮށްފައި ވަނީ, ސެޕްޓެންބަރު 27ވަނަ ދުވަހު ޔަހޫދީން ދިން ނިރުބަވެރި ޙަމަލާތަކެއްގައި އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލުމުންނެވެ.

ޤާސިމް ވިދާޅުވީ, ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމަށް ސިޔާސީ ޙައްލެއް ހޯދުމުގެ ފުރުޞަތު އޮތް ކަމަށް މިހާރު ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި, ޔަހޫދީންނާ އެކު ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާނީ, ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ދެމުންދާ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމުން ކަމުގައެވެ.

"ދުޝްމަނުން ދެމުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓައިލުމުން މަޝްވަރާތައް ބޭއްވުމުގެ ދޮރު ހުޅުވިގެން ދާނެ. އެއިރުން, ލުބްނާންގެ ދައުލަތާއި ޤާނޫނު ހަދާ މަޖިލީހުުގެ ރައީސް [ނަބީޙް] ބައްރީ މެދުވެރިކޮށް މަޝްވަރާތައް ފެށިދާނެ،" ޤާސިމް ވިދާޅުވިއެވެ. ނަމަވެސް, ލުބްނާންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް ޔަހޫދީން އިޙުތިރާމު ކުރުމަކީ ޝަރުޠެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާާއިންސާނީ ޖަރީމާތައް 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް އެމެރިކާއިން ދާދި ފަހުން ހުށަހެޅިއެވެ. އެ ކަމާ ގުޅޭ އެއްބަސްވުމުގެ ދެލިކޮޕީއެއް ޢާންމު ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ދައުލަތުގެ މީޑިޔާއިންނެވެ. ނަމަވެސް, އިސްރާއީލުގެ ދެމިއޮތުމަށް އޮތް ހުރިހާ ނުރައްކަލެއް ނައްތައިލުމަށް ލާއިންސާނީ ޖަރީމާތައް ހިންގުމުގެ ފުރުޞަތު ޔަހޫދީންނަށް އޮންނާނެ ކަމުގައި އެމެރިކާއިން ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމުގައި ވެސް އިސްރާއީލުގެ ދައުލަތުގެ މީޑިޔާއިން ބުންޏެވެ.

ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,050އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 13,658އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.