އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި ނައިބު ރައީސާ ކަމާލާ ހެރިސް ބަލި ޤަބޫލުކުރައްވައިފިއެވެ. އޭނާއާ ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެ ކާމިޔާބީއާއެކު, އެމެރިކާގެ 45ވަނަ ރައީސް ކަމުގެ މަޤާމު ވެސް ފުރުއްވާފައިވާ ޓްރަމްޕް މި ވަނީ އައު ދައުރަކަށް އިންތިޚާބުގެ ވަޑައިގަންނަވާފައެވެ.
އިންތިޚާބުގައި ލިބުނު ނާކާމިޔާބީ ޤަބޫލުކުރައްވާކަން ކަމާލާ ހާމަކުރައްވާފައި ވަނީ, އޭނާ ތަޢުލީމު ހާސިލު ކުރައްވާފައިވާ ވޮޝިންޓަނުގެ ހާވަރޑް ޔުނިވަރސިޓީގައި އޭނާއަށް ތާޢީދު ކުރި މީހުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކަމާލާ ވިދާޅުވީ, އިންތިޚާބުުގައި ލިބުނު ނާކާމިޔާބީ ޤަބޫލު ކުރެއްވި ނަމަވެސް, އޭނާގެ ކެމްޕޭންގައި ދިފާޢު ކުރަން އެންމެ އިސްކަމެއް ދެއްވާފައިވާ ޙައްޤުތަކަށް ވަކާލާތު ކުރެއްވުން ހުއްޓައިނުލައްވާނެ ކަމުގައެވެ.
ޓްރަމްޕަށް ލިބުނު ކާމިޔާބީ ކަމާލާ ސިފަ ކުރައްވާފައި ވަނީ އެމެރިކާގެ ކުރިމަތީގައި އޮތް ކަޅު, އަދި އަނދިރި ދުވަސްތަކެއްގެ ގޮތުގައެވެ. "އިންތިޚާބުގައި ބަލިވި ކަން ޤަބޫލު ކުރި ނަމަވެސް, ކެމްޕޭނަށް ހަކަތަ ލިބުނު ކަންކަން ދިފާޢު ކުރުން ހުއްޓައެއް ނުލާނަން،" އޭނާ ވިދާޅުވިއެވެ. މި ގޮތުން, އަންހެނުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށާއި, ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާގައި ދޭ ޙަމަލާތަކާ ދެކޮޅަށް ވަކާލާތު ކުރެއްވުމާއި, ޤަދަރުވެރި ދިރިއުޅުމެއްގެ ޙައްޤު އޮތް ކޮންމެ މީހަކަށް އެ ޙައްޤު ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރުން ހިމެނޭ ކަމުގައި ކަމާލާ ވިދާާޅުވިއެވެ.
އިންތިޚާބުގައި ޓްރަމްޕަށް ކާމިޔާބީ ލިބިފައިވާ ކަން ކަށަވަރުވުމާ އެކު, އޭނާއަށް ފޯނުން ގުޅުއްވައި މަރުޙަބާ ދަންނަވާފައިވާނެ ކަމުގައި ކަމާލާ ވިދާޅުވިއެވެ. އަދި, ސުލްޙަވެރި ކަމާ އެކު ވެރިކަން ބަދަލު ކުރުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އިންތިޚާބުން މި ނިކުތީ އަޅުގަނޑުމެން ބޭނުންވި ނަތީޖާއެއް ނޫން, [ކުރި ލިބުނީ] އަޅުގަނޑުމެން ހަނގުރާމަ ކުރަމުން ދިޔަ ކަންކަމަކަށް ނޫން, އަޅުގަނޑުމެން ވޯޓުދިން ކަންކަމަކަށް ނޫން, އަޅުގަނޑުމެން މިހެން ބުނާއިރު ކަނުލައި އަޑުއަހާތި — އެމެރިކާގެ ހުޅުކޮޅު އަލިގަދަކޮށް އަނދަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވިއެވެ.
2020ވަނަ އަހަރުގެ އިންތިޚާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަން ކާމިޔާބީ ހޯއްދަވާފައި ވަނީ ނަތީޖާ އޮޅުވައިލައިގެން ކަމުގައި ޓްރަމްޕް އަދިވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ކަމާލާ ވިދާޅުވީ ކަންކަން ހާސިލު ކުރުމަށް އަދި, ޙައްޤުތަކުގެ ދިފާޢުގައި ކުރާ ހަނގުރާމަ ބައެއް ފަހަރު ދިގުލައިގެންދާ ކަމަށާއި, އޭގެ މާނައަކީ ފަހުން ކާމިޔާބީ ލިބުމުގެ ފުރުޞަތު ނެތް ކަން ނޫން ކަމުގައެވެ.
ކަމާލާއަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު އަރުވާފައި ވަނީ, ބައިޑަން ޓިކެޓު ދޫކޮށްލައްވައި, ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގެންނެވުމާ ގުޅިގެންނެވެ. އިންތިޚާބުގައި ކަމާލާއަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް މައިގަނޑު ސަބަބުތަކުގެ ތެރޭގައި އޭނާގެ އިޤުތިޞާދީ ސިޔާސަތުތަކާއި ހިޖުރަ ކުރާ މީހުންނާ ގުޅޭ ސިޔާސަތުތައް ދޯދިޔާވުން ހިމެނޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މީގެ އިތުރުން, ބައިޑަންގެ ވެރިކަމުގައި ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ ޚަރަދުތައް އުފުލިގެން ދިޔުމަކީ ވެސް ވޯޓުލާ މީހުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެސޯސިއޭޓެޑް ޕްރެސުން އެންމެ ފަހުން ޝާއިޢު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު, ޓްރަމްޕް ވަނީ އިލެކްޓޯރަލް ކޮލެޖުގެ 295 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އަދި, 72.6 މިލިޔަން މީހުންގެ ތާޢީދު ހޯއްދަވާފައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުން ވަނީ އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓެވެ. ކަމާލާއަށް ކާމިޔާބު ކުރެއްވުނީ އިލެކްޓޯރަލް ކޮލެޖުގެ 226 ވޯޓެވެ. އަދި, 67.9 މިލިޔަން މީހުންގެ ތާޢީދެވެ.