ޚަބަރު

މުސިއާލާގެ ލަނޑުން ބަޔާން މިއުނިކް މޮޅުވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި 75 ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ބަޔާން މިއުނިކް މޮޅުވުމާއެކު އެ ޓީމަށް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ ބަޔާން މިއުނިކް އިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުންވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި ބަޔާން މިއުނިކަށް ކާމިޔާބުކޮށްދީފައިވަނީ ޖަމާލް މުސިއާލާ އެވެ. މި ލަނޑަކީ ގޯލް އޭރިޔާ ތެރެއިން ހެރީ ކޭން ބޮލުން ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުސިއާލާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެރޯއި ސާނޭ ބެންފީނާގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ބެންފީކާގެ ކީޕަރު އެނެތޮލިއޯ ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް ދެން ނިކުންނާނީ ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށެވެ.