ވިޔަފާރި

ޗައިނާގައި މަހުގެ ވިޔަފާރި ފުޅާ ކުރެވިދާނެ- މިނިސްޓަރ


ޗައިނާގައި ދިވެހި މަހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރެވިދާނެކަން ސައުތު އޭޝިއާ އެކްސްޕޯއިންވެސް އެނގިގެން ހިނގައްޖެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންމިންގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ އެކްސްޕޯގައި ހުންނަވާ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ މިފެއަރގައި ބައިވެރިވި ދިވެހިން ގެނައި މަހުގެ ބާވަތްތަކަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. މިމަހުގެ 12 އިން 17 އަށް ޗައިނާގެ ކުންމިންގައި ކުރިއަށްދާ ސައުތު އޭޝިއާ އެކްސްޕޯ ޢާއްމުންނަށް ހުޅުވާލާފައިވާއިރު މުޅި އެކްސްޕޯގެ ނަޒަރު ހުއްޓިފައިވަނީ ރާއްޖޭގެ ޕެވިލިއަންއަށެވެ. ސަތޭކަ ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ރާއްޖޭގެ ޕެވިލިއަންއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް ލިބެމުންދާ ތަރުޙީބު ފާހަގަކުރައްވާ މިނިސްޓަރ ސައީދު ވިދާޅުވީ ސައުތު އޭޝިއާ އެކްސްޕޯ އާއްމުންނަށް ހުޅުވާލި ފުރަތަމަ ދުވަހު ރާއްޖޭގެ ވިޔަފާރިވެރިން ގެންދިޔަ މަހުގެ ބާވަތްތައް ވިކި ހުސްވާން ކައިރިވެފައިވާ ކަމަށެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރެވިގެން ދިޔުމުން ދިވެހި މަހުގެ ބާވަތްތައް ޗައިނާއަށް އެއްވެސް ޓެކްސްއަކާއި ނުލާ އެތެރެ ކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއަށް ފަސޭހަ ކަމާއި އެކު މަސް  އެތެރެކޮށް، ރަގަޅު ނަފާއެއް އޭގެން ހޯދޭނެ ކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.

ސައުތު އޭޝިއާ އެސްކްޕޯގައި ބައިވެރިވެފައިވާ ދިވެހި މަސް ކުންފުނިތަކުގެ ތެރޭގައި، މިފްކޯ،ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް އަދި ސީ ޕްރިއާ މެރިން ފުޑުސް ހިމެނެއެވެ. އެފަރާތްތަކުން ބުނީ ދިވެހި މަހުގެ އުފެއްދުންތަކަށް ޗައިނާގައި ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. އެފަރާތްތަކުންވެސްވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި މަހުގެ އުފެއްދުންތަކަށް ލިބޭނެ ނަފާ އިތުރުވާނެ ކަން ފާހަގަކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި ހަމައަށް ދިޔުމަށް ދެޤައުމުގެ ސަރުކާރުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގެ ތިންވަނަ ބުރު ވަނީ މިދިޔަ މަހު ރާއްޖޭގައި ބާއްވާފައެވެ.