ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ތިނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސަކަތް ހަލުއިކަމާއެކު ކުރިއަށްދާއިރު، އެރަށުގައި އަލަށް ހަދާ މިއުޒިއަމްޕާކުގެ ވަށައިގެން އޮންނަ 3 މަގެއްގައި ތާރުއަޅަން ހަމަޖެހިފައިވާކަމަށް މިމަސައްކަތް ކުރިއަށް ގެންދަވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކުރެއެވެ.
ރާއްޖޭގެ ދެކުނުން އެންމެ އާބާދީ ބޮޑު އެއްރަށް ކަމުގައިވާ ގދ. ތިނަދުއަކީ ތަރައްޤީގެ ގިނަ މަޝްރޫޢތަކެއް ސަރުކާރުން ކުރިއަށް ގެންދަވާ ރަށެކެވެ. މިމަޝްރޫޢުތަކުގައި ބޭނުންކުރައްވާ ބަރުވެހިކަލް ދުއްވުމާއި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ރަށުގެ މަގުތައް ހަލާކުވެ، ބޭނުން ކުރެވޭވަރު ނުވުމުން ސަރުކާރުން މިހާރު މިވަނީ ތިނަދޫގެ މަގުތަށް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވުމުގެ މަސަކަތް ފަށްޓަވާފައެވެ. މިދިޔަ ޑިސެމްބަރުމަހު ޢަމަލީ މަސަކަތް ފެއްޓެވި މި މަޝްރޫޢުގެ ދަށުން ތިނަދޫގެ މަގުތަކުގައި ތާރު އަޅަން ފަށާފައިވަނި މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުއެވެ.
މިމަސަކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފިސަރ އިކްލީލު އާދަމް ވިދާޅުވީ، މަގުތައް އެއްވަރުކުރުމާއި، ކާނުތަކުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާކަމަށާއި އަދި ބައެއް މަގުތަކުގެ ދުވާރު ހެދުމުގެ މަސަކަތް މިހާރު ކުރިއަށްދާކަމަށެވެ. ތިނަދޫގެ އެންމެ ބޮޑު ތިން މަގުގައި މިހާރު ތާރުއަޅައި ނިމިފައިވާ ކަމަށާއި އަދި ސްކޫލްތަކާއި ހޮސްޕިޓަލު ހިމެނޭ މަގުތައް ތާޅުއެޅުމުގެ ބައިން ގުޅާލުމުގެ މަސަކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމުގެ މި މަޝްރޫޢުގެ ދަށުން، 9.2 ކިލޯ މީޓަރުގެ މަގުހަދާނެއެވެ. މަސަކަތް ކުރަމުންދާއިރު، އަލަށް ހަދާ މިއުޒިއަމް ޕާކުގެ ވަށައިގެންވާ މަގުތަށްވެސް ހަދަން ހަމަޖެހިފައިވާ ކަމަށް ޕްރޮޖެކްޓް އޮފިސަރ އިކްލީލް ވިދާޅުވިއެވެ.
ތިނަދޫގެ މަގު ހެދުމާ ގުޅޭގޮތުން އެރަށު ކައުންސިލުގެ ނާއިބު ރައީސް އިބްރާހީމް އައްސަދު ވިދާޅުވީ މަގުހެދުމުގެ މަސަކަތް ނިމޭއިރު، މިހާރު އެރަށުގައި ދުއްވާ ވެހިކަލްތަކުގެ ތިންގުނަ އިތުރުވާނެކަމަށް އަނދާޒާ ކުރެވޭކަމަށާއި، ތާރު މަގުތަކާއި އެއްގޮތަށް ވެލިމަގުތަށްވެސް ރަނގަޅު ފެނވަރަކަށް ހެދިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު، އަންނަ ޖުލައިމަހުގެ ނިޔަލަށް ތިނަދޫގެ މަގު ހެދުމުގެ މަސަކަތް މުޅިން ނިންމާލެވޭނެކަމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ބުނެއެވެ.