ޚަބަރު

ރަޝިޔާގައި އުތުރު ކޮރެޔާގެ 10,000 ސިފައިން އެބަތިބި: ދެކުނު


އުތުރު ކޮރެޔާ (ޑީޕީއާރްކޭ)ގެ 10,000އަށްވުރެ ގިނަ ސިފައިން މި ވަގުތު ރަޝިޔާގައި ތިބި ކަމަށް ދެކުނު ކޮރެޔާއިން ތުހުމަތު ކޮށްފިއެވެ. ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ރަޝިޔާގައި ތިބި އުތުރު ކޮރެޔާގެ ސިފައިން, ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމުގައެވެ. އަދި, ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކްގެ އިތުރުން ހަނގުރާމައިގެ ކުރީ ސަފުގައި ޑީޕީއާރްކޭގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އެ ހަނގުރާމައިގެ ދަށުން ރަޝިޔާގެ ސިފައިން އަރައި, ޔޫކްރެއިންގެ ބޮޑު ސަރަޙައްދަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ރައްދުގައި, އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިނުން ވެސް ވަނީ ކޫރްސްކަށް ސިފައިން ފޮނުވައި, އެ ސަރަޙައްދުގައިވާ ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. ކޫރްސްކްގެ ރަށްތަކާއި ސަރަޙައްދު ދިފާޢުކޮށް, ޔޫކްރެއިން ސިފައިން ވެރިވެގަނެފައިވާ ރަށްތައް މިނިވަން ކުރަން ރަޝިޔާގެ ސިފައިން ދަނީ ހަނގުރާމަ ކުރަމުންނެވެ.

އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ވެސް ބުނީ, ކޫރްސްކް ސަރަޙައްދުގައި އުތުރު ކޮރެޔާގެ 10,000އެއްހާ ސިފައިން ރަޝިޔާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ. ނަމަވެސް, އެ ސަރަޙައްދަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ރަޝިޔާގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ޑީޕީއާރްކޭގެ ސިފައިން އަމަލީ ގޮތުން ބައިވެރިވަމުންދާ ކަން ޕެންޓެގަނަށް ވެސް ސާފެއް ނޫނެވެ.

އުތުރު ކޮރެޔާގެ ސިފައިން ރަޝިޔާގައި ތިބި ކަމުގައި ޔޫކްރެއިނުން ވެސް ވަނީ ތުހުމަތު ކޮށްފައެވެ. ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން ބުނީ, ޑީޕީއާރްކޭގެ 12,000އަށްވުރެ ގިނަ ސިފައިން ރަޝިޔާގައި ތިބި ކަމުގައެވެ. އަދި, އޭގެ ތެރޭގައި 500އެއްހާ އޮފިސަރުންނާއި ތިން ޖެނެރަލުން ހިމެނޭ ކަމުގައެވެ. ޑީޕީއާރްކޭގެ ސިފައިން ރަޝިޔާގެ ފަސް ސަރަޙައްދެއްގައި އަސްކަރީ ތަމްރީނުތައް ފުރިހަމަ ކުރަމުންދާ ކަމުގައި ވެސް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ.

"އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި އުތުރު ކޮރެޔާގެ 10,000އަށްވުރެ ގިނަ ސިފައިން މި ވަގުތު ރަޝިޔާގައި އެބަތިބި, އޭގެ ތެރެއިން ބޮޑު އަދަދެއް ވަނީ ހަނގުރާމައިގެ ކުރީ ސަފަށް އަދި ކޫރްސްކަށް ދަތުރު ކޮށްފައި،" ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޖޮން ހަ-ކުޔޫ ވިދާޅުވިއެވެ. ޑީޕީއާރްކޭގެ ސިފައިން ރަޝިޔާގެ ފައުޖުތަކާ އެއް ސަފެއްގައި ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަން ސާފު ނޫން ކަމުގައި ވެސް އޭނާ ވިދާާޅުވިއެވެ. ނަމަވެސް, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ޑީޕީއާރްކޭގެ 40އެއްހާ ސިފައިން މަރުވެފައިވާ ކަމުގައި ދެކުނު ކޮރެޔާގެ މީޑިޔާތަކުން ރިޕޯޓު ކުރިއެެވެ.

ސިފައިން ފޮނުވުމުގެ އިތުރުން, ޑީޕީއާރްކޭން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް ޔޫކްރެއިންގެ އިތުރުން އެމެރިކާއާއި ވިލާތުގެ ޤައުުތަކުން ވެސް ދަނީ ތުހުމަތު ކުރަމުންނެވެ. ޑީޕީއާރްކޭން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުން ދެކުނު ކޮރެޔާގެ އިތުރުން ވިލާތުގެ އިއްތިހާދު (އީޔޫ)ން ދާދިފަހުން ވަނީ ކުށްވެރި ކޮށްފައެވެ. ދެކުނާއި އީޔޫގެ މެންބަރު ޤައުމުތަކުގެ އިސް އޮފިޝަލުންނާ ދެމެދު ބޭއްވި ބައްދަލުވުމެއްގައި ދެ ފަރާތުން ވަނީ, ރަޝިޔާއަށް ފޮނުވާފައިވާ ޑީޕީއާރްކޭގެ ސިފައިން އަނބުރާ ގެންދިޔުމަށް ގޮވައިލާފައެވެ.

އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ޖޮސެފް ބޮރެއިއާއި ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ޗޯ ތޭ-އުލް ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނީ, އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެމުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައެވެ. އަދި, ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ޑީޕީއާރްކޭން ފޯރުކޮށްދެމުންދާ ހަތިޔާރުތައް ބޭނުން ކުރަމުންދާ ކަމުގައެވެ. އުތުރު ކޮރެޔާއާ އެކު ރަޝިޔާއިން ދިފާޢީ ދާއިރާއިން ގުޅުން ބަދަހި ކުރުމަކީ ވެސް ޤާނޫނާ ޚިލާފު އަމަލެއް ކަމުގައި އެ ދެ ބޭފުޅުން ވިދާޅުވިއެވެ.

"ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ނެތިދިޔުމުގެ ބިރާ ގުޅިފައިވާ ކަމެއް. ރިޕަބްލިކް އޮފް ކޮރެޔާ (ދެކުނު ކޮރެޔާ) އޮތީ އެ ކަން ފަހުމްވާ ފަދަ ހާލަތެއްގައި. ޔޫކްރެއިނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. [ޔޫކްރެއިނަށް] އެހީވާން ފެށުމަށް އެ މީހުންނަށް [ދެކުނު ކޮރެޔާއަށް] ގޮވައިލަން،" ބޮރެއި ވިދާޅުވިއެވެ.

ޑީޕީއާރްކޭން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމާއި, ސިފައިން ފޮނުވުމާ ގުޅިގެން ދެކުނު ކޮރެޔާއިން ވެސް މިހާރު ދަނީ ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވިސްނަމުންނެވެ. ދެކުނުގެ ޚާރިޖީ ވަޒީރު ޗޯ ވަނީ މި ކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ, އެ ފަދަ ހުރިހާ ހާލަތެއް ދިރާސާ ކުރަމުންދާ ކަމަށާއި, އެ ކަމާ މެދު ވިސްނަމުންދާ ކަމުގައެވެ. ދެކުނު ކޮރެޔާއިން މިހާރު ވެސް ދަނީ, ހަތިޔާރު ނުހިމެނޭ ގޮތުން ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި މައިން ވަޅުލާފައިވާ ބިންތައް ސާފު ކުރަން ބޭނުން ކުރާނެ ސާމާނާއި އާލާތްތައް ހިމެނެއެވެ.