ޣައްޒާ ޢުދުވާނުގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ޔަހޫދީން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަން އެމެރިކާއިން ހާމަކޮށްފިއެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 43,000އަށް އުފުލިފައިވާއިރު, ކާބޯތަކެތިން މަހުރޫމުކޮށް, ހައިހޫނުގައި ޖައްސާފައިވާ މީހުންގެ އަދަދު އެތަކެއް ސަތޭކަ ހާހަކަށް އަރައެވެ.
ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން އިތުރު ކުރުމަށް އެމެރިކާއިން ޔަހޫދީންނަށް އަންގާފައި ވަނީ އޮކްޓޫބަރު 13ވަނަ ދުވަހު ފޮނުވި ސިޓީއެއްގައެވެ. އަދި, އެ ކަންކަން ހަރުދަނާ ކުރުމަށް އެމެރިކާއިން ވަނީ ޔަހޫދީންނަށް 30 ދުވަހުގެ މުހުލަތެއް ދީފައެވެ. ނަމަވެސް, ޣައްޒާގެ އިތުރުން ލުބްނާންގެ މުސްލިމުން ޝަހީދުކޮށް, ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ފުނޑުފުނޑު ކޮށްލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވިދާޅުވީ, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު އިތުރު ކުރުމަށް ޔަހޫދީން ކޮންމެ ވެސް ވަރެއްގެ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް, އެކަށީގެންވާ މަސަައްކަތްތަކެއް ކޮށްފައި ނެތް ކަމުގައެވެ. ޣައްޒަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމުގެ ފުރުޞަތު ޔަހޫދީން ދެމުންދާ ކަމުގައި މެތިޔު ވިދާޅުވި ނަމަވެސް, އދއާއި އެހީދޭ ޖަމާޢަތްތަކުން އެ ކަން ދޮގު ކުރެއެވެ.
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރުވާ)ގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވީ, ޣައްޒާއަށް އެތެރެ ކުރުމުގެ ހުއްދަ މި ވަގުތު ދެމުން ދަނީ ދުވާލެއްގެ މައްޗަށް އެންމެ 30 ލޮރީއަށް ކަމުގައެވެ. އަދި އެއީ, ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ އެންމެ %6 ކަމުގައެވެ. "އެއިން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2 މިލިޔަން މީހުންގެ ބޭނުންތަކެއް ނުފުއްދޭނެ, އޭގެ ތެރެއިން ގިނަ މީހުން ތިބީ ހައިހޫނުގައި ޖެހިފައި, ބަލި މީހުން ގިނަ, އަދި އެތަކެއް ބަޔަކު ތިބީ ނިކަމެތިކަމުގައި،" އޭނާ ވިދާޅުވިއެވެ.
އެހީދޭ ޖަމާޢަތްތަކުން ބުނީ, ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޣައްޒާގެ ރައްޔިތުންގެ އިންސާނިއްޔަތު ކަމުގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގައެވެ. "މިއަދާ ހަމައަށް ބަލާއިރު, ޣައްޒާގެ ރައްޔިތުންގެ ހާލަތަށް ތަސައްލީއެއް ލިބިފައެއް ނެތް. އެހީ ވެއްދުން އިތުރު ކުރި މަންޒަރު އަޅުގަނޑުމެންނަށް ފެނޭ. ނަމަވެސް, އެހީ ވެއްދޭނެ އިތުރު ދޮރުތަކެއް [ސަރަޙައްދީ ހުރަސްތަކެއް] ހުޅުވާފައެއް ނެތް. [އެމެރިކާގެ] ސިޓީގައި އަންގާފައިވާ ކަންކަން ކޮށްފައެއް ވެސް ނެތް،" މިލަރ ވިދާޅުވިއެވެ. އޭގެ މާނައަކީ, ޣައްޒާގެ ރައްޔިތުންނަށް ކުރިމަތި ކޮށްފައިވާ ހާލަތު ބަދަލު ކުރަން ޔަހޫދީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތް ކަން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން އިތުރު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާއިން 30 ދުވަހުގެ މުހުލަތެއް ޔަހޫދީންނަށް ދީފައި އޮތް ނަމަވެސް, އެ ކަމަށް ބޯނުލެނބުމުން އެމެރިކާއިން ދެން އަމަލު ކުރާނެ ގޮތެއް މިލަރ ހާމަކޮށްދެއްވާފައެއް ނެތެވެ. "އަޅުގަނޑަށް ދެންނެވޭނީ, އަޅުގަނޑުމެން ބޯލަނބާނީ ޤާނޫނަށޭ،" އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ ކޮން ޤާނޫނަކަށް ކަން ސާފެއް ނޫނެވެ.
ޣައްޒާއާއި ލުބްނާންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ބޭނުންވާ ގިނަ ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަނާއި ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ސޮއިކުރައްވައި އޮކްޓޫބަރު 13ވަނަ ދުވަހު ޔަހޫދީންގެ ސަރުކާރަށް ފޮނުވާފައި ސިޓީގައި ބުނެފައި އޮތީ, ޣައްޒާގެ އިންސާނިއްޔަތު ކަމުގެ ހާލަތަށް ބަދަލެއް ނުގެނެސްފި ނަމަ, ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން އަމަލު ކުރަމުންދާ ސިޔާސަތު މުރާޖާ ކުރަން ޖެހިދާނެ ކަމުގައެވެ.
ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެމެރިކާގެ ޤާނޫނުގެ 620 ވަނަ މާއްދާގެ (ވ)ގައި ބުނެފައި އޮތީ, އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ދެކޮޅު ހަދާ ދައުލަތްތަކަށް އެމެރިކާއިން އެއްވެސް ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މަނާކަމެއް ކަމުގައެވެ. ޣައްޒާ ޢުދުވާން ފެށުމުގެ ކުރިން ވެސް ޔަހޫދީން ދިޔައީ އެ ސަހަރަށް ވައްދާ ކާބޯތަކެތީގެ އަދަދު ކޮންޓްރޯލު ކުރަމުންނެވެ. އަދި, ޢުދުވާން ފެށުމަށް ފަހު, ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުން ހުއްޓުވާފައެވެ. ނަމަވެސް, އެމެރިކާގެ ޤާނޫނާ އެއް ގޮތަށް ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތެވެ. އެ ޤާނޫނަށް އަމަލު ކޮށްފައެއް ވެސް ނެތެވެ.
ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިތުރު ކުރުމާ ގުޅޭ ގޮތުން ނޮވެންބަރު 4ވަނަ ދުވަހު ބްލިންކަން ޒަޔަނިސްޓުންގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. މި ގޮތުން, އެ ސަހަރުގައި ނިިކަމެތި ކޮށްލާފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި, ބޭހާއި, ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ނައްތައިލަން އޭނާ ގޮވައިލެއްވި ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
"ޣައްޒާ ޢުދުވާން ނިމުކަމަށް ގެނެސް, [ޙަމާސުން ރަހީނު ކޮށްފައިވާ] އަސީރުން މިނިވަން ކުރުވައި, ފަލަސްޠީނުގެ ރައްޔިތުންނަށް ޣައްޒާ އާރާސްތު ކުރުމުގެ ފުރުޞަތުދީ, ވެރިކަން ކުރާނެ ގޮތަކާއި, ސަލާމަތީ ދާއިރާ އަދި ޢުމްރާނީ ތަރައްޤީ ކުރިއަރުވާނެ ގޮތް މަގުފަހުކޮށްދިނުމަށް އޭނާ [ބްލިންކަން] ގޮވައިލެއްވި" ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,374އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,261 މީހުން ޒަޚަމު ކޮށްލާފައެވެ.