ގިނަ ބަޔަކު ހީކުރިގޮތާ ޙިލާފަށް ޕޯޗްގަލް މޮޅުވިޔަ ނުދީ އައިސްލެންޑުން ހިފަހައްޓައިފިއެވެ.
 
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ރޭ ޕޯޗްގަލްއާ އައިސްލެންޑް ބައްދަލުކުރި މެޗް ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ.
 
މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޕޯޗްގަލްއިންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފޯވާރޑް ނާނީއެވެ. މި ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިންމާލިނަމަވެސް ދެވަނަ ހާފްގައި އައިސްލެންޑް ޓީމުގެ ބިއަރްނަސޯން ވަނީ ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމަށް މުބާރާތުގެ ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދައިދީފައެވެ.
 
އައިސްލެންޑަކީ މި މުބާރާތުގައި ވާދަކުރާ އެންމެ އާބާދީ ކުޑަ ޤައުމެވެ. އެ ޤައުމުގެ އާބާދީއަކީ 330،000 އެވެ. މި މެޗުން އެއްވަރުވެފައިވާއިރު، 2008 ވަނަ އަހަރުގެ ފަހުން މިހާތަނަށް ޕޯޗުގަލް ވާދަކުރި  ބޮޑު އެއްވެސް މުބާރާތެއްގެ ފުރަތަމަ މެޗް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
 
މި މުބާރާތުގައި މިރޭ އިރުއޮއްސި ހައެއް ޖަހާއިރު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ރަޝިޔާއާ ސްލޮވާކިޔާއެވެ. މިރޭ 9:00ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ރޯމޭނިޔާއާ ސްވިޒަރލެންޑެވެ. އަދި މިރޭ 12:00 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤައުމު، ފްރާންސާއި އަލްބޭނިއާއެވެ. މި ތިން މެޗްވެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.