ޚަބަރު

ވީއޭއެމް ކަޕުގެ ޗެމްޕިއަންކަން ކުލަބު އެޗްޑީސީއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެޗްޑީސީ ހޯދީ ފައިނަލުގައި ފަސް ސެޓު ކުޅެ، ދިވެހި ސިފައިންގެ މައްޗަށް ކުރިހޯދައިގެންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ސިފައިން ކާމިޔާބުކުރީ ފައިނަލް މެޗެކޭ އެއްގޮތަށް ފަސް ސެޓު ކުޅެގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުރިއަށްދިޔަ ފައިނަލް މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-20, 29-31, 20-25, 25-17 އަދި 13-15 އިންނެވެ.

ސިފައިން ވަނީ ފުރަތަމަ ސެޓުގައި ޑޮމިނޭޓްކޮށް ލީޑުގައި އޮވެގެން ކުޅެފައެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-20 އިންނެވެ. ދެވަނަ ސެޓު ފެނުނީ ފުރަތަމަ ސެޓަށްވުރެ ވާދަވެރިކޮށެވެ. މި ސެޓުގެ ފަހުކޮޅު ދެ ޓީމަށް ވެސް ސެޓު ނިންމަން ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޗްޑީސީގައި ތިބި ވަރުގަދަ ކުޅުންތެރިން ތަފާތު ދެއްކިއެވެ. މި ސެޓު އެޗްޑީސީން ކާމިޔާބުކުރީ 31-29 އިންނެވެ.

ތިންވަނަ ސެޓު އެޗްޑީސީން ވަނީ 20-25 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި ސިފައިންގެ އެޓޭކްތައް ރިސީވްކުރުމުގައި އެޗްޑީސީ އަށް އުނދަގޫތަކެއްވި އެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-17 އިންނެވެ. ފަސްވަނަ ސެޓުގެ ފަހުކޮޅު އެޗްޑީސީގެ ތަފާތަކަށްވީ ކުޑަކާއްޓޭގެ ބާރު އެޓޭކުތަކެވެ. އެޗްޑީސީން މި ސެޓު ގެންދިޔައީ 15-13 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ކުޑަކާއްޓެ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ އެޗްޑީސީގެ މުހައްމަދު އަހުސަން، އާދަމް ފައިރޫޒް، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި ސައުދު އަހުމަދުގެ އިތުރުން، ސިފައިންގެ ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ރަޒާން އަދި އާދަމް ނަސީމް (އެޑަމް) އެވެ.

އެންމެ މޮޅު ކޯޗަކަށް އެޗްޑީސީގެ ހުސެއިން ޝަރީފް (ނަލަ ޝަރީފް) ހޮވުނުއިރު އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިހުގެ ޝާމިލް މުހައްމަދެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޒަންޓިމީރް އެވެ.