ޚަބަރު

ކަމާލް ޢަދްވާން ހަސްފަތާލަށް ބޮންއަޅައި ތުއްތު ކުދިންތަކެއް ޒަޚަމުކޮށްލައިފި


ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ޣައްޒާގެ ބަޔިތު ލާޙިޔާގައި ހުންނަ ކަމާލް ޢަދްވާން ހަސްފަތާލަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި ގިނަ އަދަދެއްގެ ތުއްތު ކުދިންނާއި ބަލި މީހުން ޒަޚަމު ކޮށްލައިފިއެވެ. އެ ހަސްފަތާލުގެ ޑިރެކްޓަރ ޢަޔިދު ޞުބްޙު ވިދާޅުވީ, ހަސްފަތާލުގެ ނަރސަރީއަށް ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އަދި, ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި އަލަށް އުފަންވި ތުއްތު ކުދިން ހިމެނޭ ކަމުގައެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން މި ވަގުތު އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ އެ ސަަހަރުގެ އުތުރުގައި އޮތް ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫނާއި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ. ޣައްޒާ ޢުދުވާން ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

"ހަސްފަތާލުގައި މި ވަގުތު 125 ބަލިމީހުންނަށް އެބަތިބި, އޭގެ ތެރެއިން ކުޑަކުދިން ވެސް ވަނީ ޒަޚަމު ކޮށްލާފައި. އިންކިޔުބޭޓަރުގައި ތުއްތު އަށް ކުދިން އެބަތިބި, އަދި އިންޓެންސިވް ކެއަރ ޔުނިޓުގައި އަލަށް އުފަންވި ހަތް ކުދިންނާއި އިތުރު ކުޑަކުދިންތަކަކަށް ވެންޓިލޭޓަރުގެ އެހީގައި ދަނީ ފަރުވާދެމުން،" ޞުބްޙު ވިދާޅުވިއެވެ. ޔަހޫދީ ފައުުޖުގެ ނިރުބަވެރި ޙަމަލާތަކުގެ ޝިކާރައަކަށް އަލަށް އުފަންވާ ތުއްތު ކުދިން ހަދަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޞުބްޙު ވިދާޅުވީ, ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެ ހަސްފަތާލަށް ރޭޑުޖަހައި, ޤަތުލުޢާންމު ހިންގުމަށް ފަހު ޔަހޫދީ ފައުޖުން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ސަރޖަރީ ކުރާ ޑޮކްޓަރުންނާއި, ނިޔުރޮލޮޖިސްޓުންނާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ހިމެނޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މި ވަގުތު ހަސްފަތާލު ހިންގަން ބޭނުންވާ އަދަދަށް މުވައްޒަފުންނެއް ނެތް. ތިބީ ހަތަރު ޑޮކްޓަރުންނާއި 50 ވޮލަންޓިއަރުން, އަދި ޞިއްޙީ ޚިދުމަތްތެރިންނާއި ނަރުުހުން. ޒަޚަމު ކުރަމުންދާ މީހުންގެ އުފުލެމުންދާއިރު, އެ އެންމެންނަށް ފަރުވާ ދެވޭނެ ގޮތެއް, ވަސީލަތްތަކެއް ވެސް ނެތް،" އޭނާ ހާމަކުރެއްވިއެވެ. ހަސްފަތާލަށް ބޭނުންވާ ބޭހާއި ޞިއްޙީ ފަރުވާގެ ސާމާނު ރައްކާކޮށްފައި ހުރި ގުދަންތަކަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޙަމަލާދީ, އެ ތަކެއްޗަށް ގެއްލުންދީފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

"ނަރުހުން ވަނީ ހުރިހާ ކުޑަކުދިންނާއި ތުއްތު ކުދިން [ހަސްފަތާލުގެ] ތިރީ ފަންގިފިލާތަކަށް ބަދަލުކޮށްފައި. ނަމަވެސް, [ނަރސަރީގައި ޤާއިމު ކޮށްފައިވާ އާލާތްތަކާއި ޚިދުމަތްތައް] ތިރީ ފަންގިފިލާތަކުގައި ނުހުންނާނެ. އަދި, އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ އިންކިޔުބޭޓަރާއި އިންޓެންސިވް ކެއަރގެ ޚިދުމަތްތައް ލިބެން ނުހުންނާނެ. ޙަމަލާގައި ލިބުުނު ޒަޚަމުތަކަށް ފަރުވާ ދިނުމަށް ތުއްތު ކުއްޖަކަށް ވަގުތުން ސަރޖަރީ ހަދައިދޭން ޖެހުނު،" އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ކަމާލް ޢަދްވާން ހަސްފަތާލަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގެއް ޔަހޫދީ ފައުޖުން ބަންދު ކޮށްފައިވާ ކަމުގައެވެ. "ހަސްފަތާލުގެ އެކި ޑިޕާޓްމަންޓުތަކުގެ މެދުގައި ވެސް ޞިއްޙީ ޚިދުމަތްތެރިންނަށް ދަތުރު ކުރެވެން ނެތް, ޒަޚަމު ކޮށްލާފައިވާ މީހުން ސަލާމަތް ކުރެވޭނެ ގޮތެއް ނެތް. ހަސްފަތާލު ހުސްކުރަން އެންގުމުން އެ ކަމަށް އިންކާރު ކުރި ހުރިހާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކުރަން ޔަހޫދީން އޮތީ ނިންމާފައި،" އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކުރިއެވެ.

އޮކްޓޫބަރު 5ން ފެށިގެން ޣައްޒާގެ އުތުރުގެ ރަށްތަކަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,800އަށް އުފުލިފައިވާ ކަމަށާއި, އިތުރު 4,000އެއްހާ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ސަރުކާރުން ހާމަކުރިއެވެ.

ޔަހޫދީ ފައުޖުން އަދިވެސް ދަނީ މެދުކެނޑުމެއް ނެތި ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. ނޮވެންބަރު 5ވަނަ ދުވަހުގެ ފަތިހު ދީފައިވާ ޙަމަލާތަކުގައި 33 މީހުން ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި ބަޔިޔު ލާޙިޔާއިން ޝަހީދުކޮށްލި 20 މީހުންނާއި, ޣައްޒާ ސިޓީގެ ތުއްފާޙު އަވަށުން ޝަހީދުކޮށްލި ހަަތަރު މީހުން ހިމެނެއެވެ. އަދި, ދަޔިރް އަލް-ބަލަޙުން ޝަހީދުކޮށްލި ދެ މީހަކާއި, އަލް-ޒަވާޔިދާއިން ޝަހީދުކޮށްލި ހަތަރު މީހެއްގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސުން ޝަހީދުކޮށްލި ތިން މީހުން ހިމެނެއެވެ. ޚާން ޔޫނިސަށް ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ގެދޮރު ނެތިފައިވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ ފޭލިގެ ކޭމްޕަކަށެވެ.

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރުވާ)ން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި, ޣައްޒާއަށް އެތެރެ ކުރާ ކާބޯތަކެއްޗާއި, އިންސާނީ އެހީގެ ސާމާނާއި, ބޭސްފަރުވާއަަށް ބޭނުންވާ ސާމާނުގެ އަދަދު އިތުރަށް މަދުކޮށް, އެހީގެ ސާމާނު ބަރުކޮށްފައިވާ ލޮރީތައް ޣައްޒާއަށް ވަނުމަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަން އުންރުވާން ހާމަކުރިއެވެ.

އުންރުވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވީ, ޣައްޒާއަށް އެތެރެ ކުރުމުގެ ހުއްދަ މި ވަގުތު ދެމުން ދަނީ ދުވާލެއްގެ މައްޗަށް އެންމެ 30 ލޮރީއަށް ކަމުގައެވެ. އަދި އެއީ, ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ އެންމެ %6 ކަމުގައެވެ. "އެއިން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2 މިލިޔަން މީހުންގެ ބޭނުންތަކެއް ނުފުއްދޭނެ, އޭގެ ތެރެއިން ގިނަ މީހުން ތިބީ ހައިހޫނުގައި ޖެހިފައި, ބަލި މީހުން ގިނަ, އަދި އެތަކެއް ބަޔަކު ތިބީ ނިކަމެތިކަމުގައި،" އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,374އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,261 މީހުން ޒަޚަމު ކޮށްލާފައެވެ.