އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ފުލަމް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ހެރީ ވިލްސަން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ފަހަތުން އަރާ ފުލަމް 2-1 ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށްފި އެވެ.
ފުލަމްގެ ކްރެވަން ކޮޓެޖް ގައި ކުޅުނު މި މެޗުގެ 24 ވަނަ މިނިޓުގައި ބްރެންޓްފަޑްގެ ވިޓަލީ ޖެނަލްޓް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ 25 ޔާޑު ދުރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަހާފައިވާ ހިތްގައިމު ލަނޑެކެވެ.
ބްރެންޓްފޯޑް އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދި ނަމަވެސް މި މެޗުގައި ފުލަމް އިން ވަނީ މޮޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން މި މެޗުގައި ފުލަމް އިން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް 26 ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ފުލަމް އަށް ކުޑަ ނަމަވެސް އުންމީދެއް ލިބިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިން ދެވަނަ މިނިޓުގައި ހެރީ ވިލްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުން ފުލަމް އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފަ އެވެ.
މި މެޗުން މޮޅުވުމައެކު ފުލަމް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނަ މަގާމް ލިބިފަ އެވެ. ބްރެންޓްފޯޑް އަށް 10 މެޗުން ލިބިފައިވަނީ 13 ޕޮއިންޓާއެކު ބާރަވަނަ އެވެ.