ޚަބަރު

ސެމީ ފައިނަލުގެ ޖާގައެއް ސަބަލެންކާ ހޯދައިފި


މިހާރު ކުރިއަށްދާ ޑަބްލިއޮޓީއޭ ފައިނަލްގެ ސެމީ ފައިނަލުގެ ޖާގައެއް ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެރީނާ ސަބަލެންކާ ހޯދައިފި އެވެ.

އުމުރުން 26 އަހަރުގެ ބެލަރޫސްއަށް އުފަން ސަބަލެންކާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މި މުބާރާތުގައި ހަތަރު ވަނައަށް ސީޑު ކޮށްފައިވާ އިޓަލީގެ ޖޭސްމިން ޕައޮލީނީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހައެއް ތިނެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގައި މާދަމާ އެލޭނާ ރައިބަކީނާ އާއި ދެކޮޅަށް ސަބަލެންކާ ކުޅޭ މެޗުން އޭނާ މޮޅުވެއްޖެނަމަ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި އޭނާއަށް މި އަހަރު ނިންމާލެވޭނެ އެވެ.

އެއްވަނަ ރޭންކަށް ސަބަލެންކާ އާއި އެންމެ ވާދަވެރިކޮށް ފެންނަ ސްވިއަޓެކް މި މުބާރާތް ކާމިޔާބުކޮށް އަދި ސަބަލެންކާ ދެން ކުޅެންޖެހޭ މެޗަކުން ބަލިވެއްޖެ ނަމަ ސަބަލެންކާ އަތުން އެއްވަނަ މަގާމް ގެއްލި ސްވިއަޓެކް އަށް އެއްވަނަ މަގާމު ލިބިގެންދާނެ އެވެ. އެހެންކަމުން މި މުބާރާތަކީ މި ދެ ކުޅުންތެރިންނަށްވެސް ވަރަށް މުހިންމު އަދި އެހާމެ ވާދަވެރި މުބާރާތެކެވެ.

ސައުދި އަރަބިއްޔާގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ އަންހެން ޓެނިސް މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ވަނީ 14 މިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާފަ އެވެ.